ދައުލަތުގެ ބަޖެޓުން މިއަހަރު ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައި ވަނީ 36.8 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ހަ ޕާޓީ އަކަށް ލިބިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އެ ކޮމިޝަނަށް ހުށަހެޅުމުން، ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން ކަނޑައަޅާފައިވާ 36.8 މިލިއަން ސިޔާސީ ހަ ޕާޓީ އަކަށް ދޫކުރާ ގޮތަށް އިލެކްޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

https://twitter.com/IsmailHabeeb/status/1628355573749280768?s=20

ދައުލަތުން ފައިސާ ދެމުން ގެންދަނީ އެ އަހަރެއްގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ސިޔާސީ ޕާޓީތަކަށެވެ.

އެގޮތުން މިއަހަރު އެންމެ ގިނަ ފައިސާ ލިބޭ ސިޔާސީ ޕާޓީއަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު އެޕާޓީގައި 57،529 މެންބަރުން ތިއްބެވެ. އެޕާޓީ އަށް ދައުލަތުގެ ބަޖެޓުން 14.21 މިލިއަން ރުފިޔާ ލިބިގެން ދާނެއެވެ.

ދެވަނަ އަށް އެންމެ ގިނައިން ދައުލަތުގެ ބަޖެޓުން ފައިސާ ލިބިގެންދާ ސިޔާސީ ޕާޓީ އަކީ އިދިކޮޅު ޕީޕީއެމްއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގައި 38،632 މީހުން ތިބި ކަމަށް އީސީ އިން ބުންޏެވެ. އެޕާޓީ އަށް ދައުލަތުގެ ބަޖެޓުން 9.5 މިލިއަން ރުފިޔާ ލިބިގެންދެއެވެ.

ތިންވަނަ އަށް އެންމެ މެންބަރުން ގިނައީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައެވެ. 22،993 މެންބަރުން ތިބި އެޕާޓީ އަށް ދައުލަތުގެ ބަޖެޓުން މިއަހަރު 5.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އީސީ އިން ހާމަކުރެއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ އިތުރު ޕާޓީތައް:
- އަދާލަތު ޕާޓީ: 9،765 މެންބަރުން، 2.4 މިލިއަން ރުފިޔާ

- އެމްޑީއޭ: 10،488 މެންބަރުން، 2.59 މިލިއަން ރުފިޔާ

- އެމްއެންޕީ: 9،937 މެންބަރުން، 2.45 މިލިއަން ރުފިޔާ

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ އިން ބޮލަކަށް ޖެހެނީ 247.05 ރުފިޔާ ކަމަށެވެ.