މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށަ ސަރުކާރު ކޯލިޝަންގައި މިހާރުވެސް ހިމެނޭ އަދާލަތު ޕާޓީ އިން ނިންމައިފިއެވެ.
ރައީސް ސޯލިހުގެ ފަރާތްޕުޅުން ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަކަށް އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީއާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމާފައި މިވަނީ އަދާލަތު ޕާޓީންނެވެ. އެޕާޓީގެ މަޝްވަރާ މަޖިލިސް ބައްދަލުވުމެއް މީގެކުރިން މި މައްސަލާގައި ބޭއްވިއެވެ. އަދި އިއްޔެ އެޕާޓީން ވަނީ އެމްޑީޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.
"މާތްވެގެންވާ އިސްލާމް ދީނުގެ ސައްޙަ އަޤީދާ ކުރިއަރުވާ ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ، ދިވެހިރާއްޖޭގެ ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށާއި؛ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވެވިފައި ވާތީ،" އަދާލަތުން ބުންޏެވެ.
އަދި ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތްކުރާ ހިނދު މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކޮށްގެން ކަމަށް ފެންނާތީ ކަމަށް އަދާލަތުގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމައިފައެވެ.
"އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވަމެވެ،" އަދާލަތުން ބުންޏެވެ.
އަދާލަތު ޕާޓީ އިން ރައީސް ސޯލިހު ނުވަތަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމިއިރު އެޕާޓީގެ އެކި ސްލޮޓުތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ބޭފުޅުން އެބަ ތިއްބެވެ. އެގޮތުން އެޕާޓީގެ ރައީސް އިމްރާނަކީ އަދާލަތަށް ސަރުކާރުން ލިބިފައިވާ ސްލޮޓެއްގައި ހޯމް މިނިސްޓަރުގެ މަގާމު އަދާ ކުރައްވާ ބޭފުޅެކެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރަކީ ވެސް އަދާލަތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ