މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލެބޯޓަރީ އިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން، އައު ހިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.
އެ ޚިދުމަތް ތަޢާރަފްކުރީ އެކަމަށްޓަކައި މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ ހުސައިން ރަޝީދު ޙަސަންއެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އާއި، ބޯޑް ޑިރެކްޓަރުންގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް އާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިގ ޑިރެކްޓަރ ޝާޙް ވިދާޅުވީ؛ އަލަށް ތައާރަފު ކުރެވިގެން ދިޔަ ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގެ ހިދުމަތަކީ ދިވެހިރާއްޖެގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުންދާ ކުންފުނި ތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމަށެވެ.
އަދި އެ ހިދުމަތުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެނަޓްތައް ދަމަހައްޓައި، އެ އިކިއުޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާއި މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގައި އަލަށް ތައާރަފު ކުރެވުނު އެ ހިދުމަތް، އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުއައްޒަފުން މެދުވެރިކޮށެވެ. އެ ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުން، އެ ހިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓަސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
އަދި އެމްޑަބްލިއުއެސްސީ އަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދިލެއްވުމުން އިކުއިޕްމެންޓް ހުރި ތަނަށް އެކުންފުނީގެ މުވައްޒަފުން ގޮސްގެން ވެސް އެ ހިދުމަތް ލިބޭނެގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެއް ކަމަށް ބުންޏެވެ.
އެކުންފުނިން ބުނީ ލެބް އިކުއިޕްމަންޓް ކެލިބްރޭޝަން ހިދުމަތަށް އެދުމަށް، އެމްޑަބްލިއުސްސީގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެން ނުވަތަ އެކުންފުނީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅުއްވައިގެން ކުރިޔަށްގެންދެވޭނެ ކަމަށެވެ.