ފުޓްބޯޅައިގެ ދަނޑުގައި ފަލަސްތީނުގެ ދިދަތައް ފެނުމަކީ އާއްމު ކަމެކެވެ. މަޝްހޫރު ބައެއް ކުޅުންތެރިން އެ މީހުންގެ ކާމިޔާބީ ފާހަގަކުރަނީ ފަލަސްތީނުގެ ދިދައާއެކުއެވެ. ނިމިގެން ދިޔަ ވޯލްޑްކަޕުގައި އެކަން ވަނީ ވަރަށް ބޮޑަށް ފެނިފައެވެ. އެކަމަކު މި ފަހަރު އަޔާލޭންޑޫން ދައްކަނީ ކުރިން ފެނުނު މަންޒަރުތަކަށްވުރެ މާ ފުރިހަމަ މަންޒަރުތަކެކެވެ. އަޔާލެންޑްގެ ފުރަތަމަ ލީގުގެ ބޮހީމިއަން އެފްސީން އެންމެ ފަހުން ނެރުނު ފުޓްބޯޅަ ޖޯޒީ ހާއްސަކޮށްފައިވަނީ ފަލަސްތީނަށެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ.
އަޔަލޭންޑްގެ ވެރިރަށް ޑަބްލިންގެ އެ ކްލަބުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ހުދު ކުލައިގެ ޖޯޒީ ކުރިމައްޗާއި ފަހަތުގައި ފަލަސްތީނުގެ ދިދައިގެ ކުލަތައް ވަނީ ހިމަނާފައެވެ. ލޯގޯ ގެ އެއްފަރާތުގައި ރަތް ކުލަ އަދި ލޯގޯގެ ތިރީގައި ފެހި ކުލައިގެ ގޮޅިތަކެއް ވަނީ ހިމަނާފައެވެ.
އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ޖާޒީން ލިބޭ ފައިދާގެ ދިހަ ޕަސެންޓް ހަދިޔާކުރަން ހަމަޖެހިފައިވަނީ ފަލަސްތީނުގެ ތުލްކަރްމް ކޭމްޕުގައި ހިންގާ ފަލަސްތީން ސްޕޯޓްސް ފޯ ލައިފް ޕްރޮޖެކްޓަށް ކުޅިވަރު ސާމާނަށް ކަމަށެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނި ގޮތުގައި ތުލްކަރްމް ކޭމްޕަކީ 1950 ވަނަ އަހަރު އުފެއްދި ކޭމްޕެކެވެ. އިޒްރޭލު އެ ކޭމްޕަށް އަރައިގަނެ މީހުން ހައްޔަރުކުރުމާއި ގުޅިގެން އެ ކޭމްޕަށް ވަނީ އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
ބޮހީމިއަން ކްލަބުން ބުނީ ޖޯޒީ ވިއްކައިގެން ލިބޭ ލިބޭ ފައިސާ ދާނީ އަންހެން ކުދިން ފުޓްބޯޅަ ކުޅުމުގެ ހައްގާއި ދިރިއުޅުމުގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ކުޅިވަރު ޖަމިއްޔާ އަކަށް ކަމަށެވެ.
"2023 ވަނަ އަހަރުގެ މި ކިޓަކީ، ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކާއި އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ ކުދިންނަށް ހާއްސަ އެހީވެދެން ނެރުނު ޖޯޒީއެއް" އެ ކްލަބުގެ ޗީފް އޮޕަރޭޓިން އޮފިސަރު ޑެނިއަލް ލެމްބާޓް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. އަޔަލޭންޑަކީ ފަލަސްތީނަށް ތާއީދުކުރުމުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ.
އަޔާލެންޑަކީ 1980 ވަނަ އަހަރު ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގައުމެއްގެ ގޮތުގައި ގަބޫލުކުރި ފުރަތަމަ ޔޫރަޕްގެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަދި އޭގެ މަސްތަކެއް ފަހުން، އިޒްރޭލާ ފަލަސްތީނާ ދެ ދައުލަތެއްގެ ހައްލަކަށް އަޔަލެންޑުން ވަކާލަތުކުރިއެވެ. އަދި އަޔާލޭންޑުގެ އިސް ބޭފުޅުން އެކި ފަހަރުމަތިން ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތާއި ބައްދަލުކުރައްވާފައުވެއެވެ. އޭގެ ސަބަބުން އިޒްރޭލު ސަރުކާރުގެ ނުރުހުން ވެސް އަޔަލޭންޑަށް އަމާޒުވިއެވެ.
ސްކޮޓްލޭންޑްގެ ފުޓްބޯޅަ ކްލަބް ސެލްޓިކް އަކީ ޒަމާނުއްސުރެ ފަލަސްތީނަށް ތާއިދުކުރަމުން އަންނަ ކްލަބެކެވެ. ކްލަބުގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗްތަކުގައި ސަޕޯޓަރުން ފަލަސްތީނުގެ ދިދަތައް އުފުލައެވެ. އަދި ފަލަސްތީނަށް ތާއިދުކޮށް ލަވަވެސް ކިޔައެވެ.
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވެސް މުސްލިމް ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުންގެ ފަރާތުން ފަލަސްތީނަށް ބޮޑު ތާއީދެއް ލިބުނެވެ.