ރާއްޖޭގައި ހިންގާ ސްޕާތަކުގައި ދެވިގެން ނުވާނެ ހިދުމަތްތަކާއި ފަރުވާތައް ހާމަކޮށް ސްޕާތައް ހިންގުމުގެ ގަވާއިދު ހަރުކަށިކޮށް އެ ގަވާއިދު ދިވެހި ސަރުކާރުގައި ގެޒެޓު ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައާ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެއާޕޯޓުތަކުގައި ދެވޭ ސްޕާގެ ހިދުމަތްތަކަށް އެ ގަވާއިދު ހިނގާނެ ކަމަށެވެ.
އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަކޮށްފައިވާ ރަށްތައް ނުވަތަ ސަރަޙައްދުތަކާއި ވިޔަފާރީ އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ސްޕާތަކުން ދޭ އެއްވެސް ހިދުމަތެއް ނުދެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
އެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގައި ހަމުގެ ބަލިތަކަށާއި ލެބޯރެޓަރީ ޓެސްޓު ހެދުމާއި، އެކްސްރޭގެ ހިދުމަތް ދިނުމާއި އެސިޑު ނުވަތަ މެޝިން ބޭނުންކޮށްގެން ހަމަށް އެއްވެސް ފަރުވާއެއް ދިނުމާއި ބިހި ނުވަތަ ލަކުނު ނުވަތަ އުން ނައްތައިލުމާއި، އެފަދަ ފަރުވާއަކަށް އެއްވެސް ބާވަތެއްގެ ސާޖިކަލް ހިދުމަތެއް ދިނުމާއި ޞިއްޙީ އެއްވެސް ހިދުމަތެއް ނުވަތަ އޮޕަރޭޝަނުގެ ހިދުމަތެއް ދިނުމަކީ މަނާ ކަމެއް ކަމަށެވެ.
މީގެއިތުރުން ހަށިގަނޑުގެ އެތެރެއަށް ނުވަތަ ދެހަންދޭތެރެއަށް މާއްދާއެއް އެތެރެވާނޭފަދަ ގޮތަކަށް ނުވަތަ ނޮން -އިންވޭސިވް ޓްރީޓްމަންޓަކަށް ނުވާގޮތަކަށް، ސިއްހީ ހިދުމަތް ދިނުމަށް ހުއްދަދޭ ފަރާތުގެ ހުއްދަނެތް ފަރާތަކުން، އެފަދަ ހިދުމަތެއް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައިވެއެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާއި ހިލާފަށް އެއްވެސް ސްޕާއެއް މީސް މީޑިއާގައި އިސްތިހާރު ކުރުމަކީ އެ ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. އަދި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމުގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާ ހިލާފަށް އިސްތިހާރު ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތާއި އަޑު އިސްތިހާރުގައި ބޭނުންކުރުން ނުވަތަ ދެއްކުމާއި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަން އިސްތިހާރު ކުރުމުގައި އެއްވެސް މީހަކު ހިމެނުން ނުވަތަ ދެއްކުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
ހަމައެއާއެކު ސްޕާގެ ވިޔަފާރި ހަރަކާތުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ސްޕާގެ ނުވަތަ ސްޕާއިން ފޯރުކޮށްދޭ ހިދުމަތަކާއި ގުޅޭ ގޮތުން އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯ އަމިއްލަ ހައިސިއްޔަތުން ނަމަވެސް މީސްމީޑިއާގައި އާންމުކުރުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޕާގެ ވިޔަފާރި ހަރަކާތެއް، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަކާ ނުލައި އެއްވެސް ފަރާތަކުން ހިންގައިފިނަމަ، އެ ފަރާތެއް 10،000 ރުފިޔާ އިން ޖޫރިމަނާކޮށް އެ ވިޔަފާރިއެއް ވަގުތުން ހުއްޓައިލުމަށް އެންގުމުގެ އިހުތިޔާރު ރެޖިސްޓްރާ އަށް ލިބިގެންވެއެވެ.