ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އާރަށުގެ މައްސަލައަކީ ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށެވެ.
"ވަކި ހުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުން ފަދަ ކަންތައް ގޯސް،" ޖަމީލް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1627987344765898752?s=20
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ރައީސް ޔާމީނަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގެއެވެ. އަދި ޔާމީނަށް ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށާއި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މުސާރައާ ނުބައްދަލު އާމްދަނީއެއް ލިބުމުން، އެ ފައިސާއާމެދު ސުވާލު އުފެދޭ ކަމަށް ހުކުމް ކުރައްވަމުން ގާޒީ ވިދާޅުވިއެވެ.
ދައުލަތުން އެދުނީ ރިޝްވަތު ދިނުމާއި ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، 8 އަހަރަށް ޔާމީން ޖަލަށްލުމަށެވެ. އަދި މަނީލޯންޑާ ކުރުމުގެ އަދަބެއްގެ ގޮތުން 11 އަހަރަށް އޭނާ ޖަލަށްލުމަށް އެދިފައިވެއެވެ. އެހެންކަމުން ޖުމްލަ 19 އަހަރަށް ޔާމީން ޖަލަށްލުމަށް އެދިފައިވެއެވެ.
ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ. އަދި ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކުރާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށާއި އެފައިސާ މިއަދުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކުރެއްވިއެވެ.
މި މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ސާބިތުވި ޔޫސުފް ނައީމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.