އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް)ގެ ފަރާތުން ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްތަކެއް ހުޅުވާލައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ބުނީ އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް) މެދުވެރިކޮށް 2024- 2023ގެ ދިރާސީ އަހަރަށް 34 ސްކޮލާޝިޕް ފުރުސަތު ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެ ފުރުސަތުގެ ދަށުން ދިވެހި ކިޔަވާކުދިންނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން އަންޑާ ގްރެޖުއޭޓް ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ ސަގާފަތުގެ ދާއިރާއިން އިލްމު އުގެނުމުގެ ފުރުސަތަށް ބައިނަލައަގުވާމީ ގޮތުން 100 ސްކޮލާޝިޕް ސްލޮޓްވެސް ހުޅުވާލެވިފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އެގޮތުން އިންޑިއާގެ ސަގާފަތުގެ ތެރެއިން މިއުޒިކް، ޑާންސް، ތިއޭޓަރ، ޕާފޯމިންގް އާޓްސް، ސްކަލްޕްޗާ، އިންޑިއާގެ ބަސްތަކާއި އިންޑިއާގެ ސުފުރާތަށް ހިމެނިގެންވާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.
އެ ސްކޮލާޝިޕްތަކުގެ ތެރޭގައި މެޑިކަލް، ޕެރަމެޑިކަލް، ފެޝަން ފަދަ ފަސް އަހަރުގެ މުއްދަތުން ފުރިހަމަ ކުރާ އިންޓަގްރޭޓަޑް ކޯސްތަށް ހިމެނިފައިނުވާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
އެ ސްކޮލާޝިޕް ފުރުސަތުތަށް ހުޅުވާލެވިފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދަރިވަރުންނަށެވެ. އަދި ޕީއެޗްޑީގެ ފުރުސަތަށް ކުރިމަތިލުމަށް އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ. އެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިންކޮށެވެ. އެއީ http://www.a2ascholarships.iccr.gov.in/ ޕޯޓަލަށް ވަދެގެންނެވެ. އެ ޕޯޓަލް ހުޅުވިފައި ހުންނާނީ އިއްޔެ އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.