ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާއިއެކު ވިޔަފާރީގެ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ރަށަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށް ކަމަށާއި ފޭސް 2 ގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
އެގޮތުން، ވިޔަފާރީ ވެރިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ހާއްސަ އިސްކަމެއް ދީގެން ގިނަ ކޮމޭޝަލް ޔުނިޓްތަކާއި އިމާރާތްތައް އެޅުމަށް މިހާރު ހަވާލު ކުރެވި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

[caption id="attachment_47965" align="alignnone" width="1600"] ވިޔާފަރިތަކަށް ހުޅުމާލެ އަކީ ފަހި ތަނަކަށް ހެދުމުގެ މަސައްކަތް އެޗްޑީސީ އިން އަންނަނީ ކުރަމުން --[/caption]
އެގޮތުން، އަލަށް އިމާރާތް ކުރެވެމުންދާ ހައުސިން މަޝްރޫއުތަކުގެ ކޮމާޝަލް ޔުނިޓްތައް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިއުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ހިދުމަތްތައް ވެސް ދެމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މީގެ އިތުރުން، މިހާރު ހުޅުމާލޭގައި ލިބެން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ހިދުމަތްތައް ގާއިމު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އަލަށް ގާއިމު ކުރާ 2 ޕެޓްރޯލް ޝެޑަކީވެސް ޒަމާނީ ހިދުމަތްތަކާއެކު ތަރައްގީ ކުރެވޭ ޝެޑުތަކެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. މިގޮތުން ކާރު އަދި ސައިކަލް ދޮވެ، ކުދި ރިޕެއަރ ކުރެވޭނެ ގޮތަށް އެ ޝެޑުތައް ފަރުމާ ކުރެވޭނެ ކަމަށާއި މިހާރުވެސް ހުޅުމާލެ ފޭސް 2ގައި ހޯކްސް ޕްރައިވެޓް ލިމިޓަޑާއި ހަވާލު ކޮށްގެން ގާއިމް ކޮށްފައިވާ ޕެޓްރޯލް ޝެޑުން ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

[caption id="attachment_47967" align="alignnone" width="1600"] ހުޅުމާލޭގައި ވިޔަފާރިތަކަށް ގާއިމް ކުރާ ހާއްސަ އިމާރާތެއް --- ފޮޓޯ / އެޗްޑީސީ[/caption]
އެ ކޯޕަރޭޝަނުން ބުނީ ކެފޭ، ނުވަތަ ރެސްޓޯރަންޓުތަކަކީ އަބަދުވެސް އާއްމުންގެ މެދުގައި މަގުބޫލު ވިޔަފާރިތަކެއް ކަމަށެވެ. ހުޅުމާލޭގައި ހުންނަ ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހުރި ފުރުސަތުތައް އިތުރުކޮށް، އެފަދަ ތަންތަނަކީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭހަ ބޭނުން ކުރަން ފަސޭހަ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވޯޓާ ފްރަންޓް ކޮމެޝަލް ކޮމްޕްލެކްސް އަކީ ފާހަގަކޮށްލެވޭނެ ތަނެއް ކަމަށެވެ.
އެ އިމާރާތުގައި ގިނަ ފްރެންޗައިސްތަކަކުން ހިދުމަތް މިހާރު ދެމުންދާއިރު، އިވެންޓް ފަދަ ހަފުލާ ބޭއްވުމަށް ކުޑަ ހޯލެއް ވެސް ހުރެއެވެ. ހަމަ އެގޮތަށް ކެފޭ ކޯޓެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަ ކަމަށް އެޗްޑީސީ އިން ބުންޏެވެ. އެ ކެފޭ ކޯޓުގައި 6 ރެސްޓޯރަންޓް ހުންނަ އިރު، ޓެރަސް އަދި އިވެންޓް ސްޕޭސްގެ އިތުރުން ސްވިމިން ޕޫލެއް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ހިދުމަތްތައް އިތުރުކުރުމަށް ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމްޓީޑީ އަދި ގްލަޓާއި ހަވާލުކޮށްގެން އިމާރާތް ކުރާ ސެންޓަރުގެ މަސައްކަތްވެސް ކުރެވެމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

[caption id="attachment_47966" align="alignnone" width="1600"] ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތެއްގައި މަޝްހޫރު އެސްޓާސް ފިހާރަ ހުޅުވަނީ -- ފޮޓޯ / އެޗްޑީސީ[/caption]
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ހުޅުމާލެ އަކީ ޒަމާނީ އަދި ހުރިހާ ހިދުމަތްތަކެއް ވެސް ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ރަށަކަށް ހެދުމަށް ކަމަށެވެ.