މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް ފޮނުވި ދައުވަތާއި މެދު މިރޭ ގޮތެއް ނިންމާނެ ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.
ރައީސް ސޯލިހު މި ދައުވަތު ފޮނުއްވީ މިހާރުވެސް ސަރުކާރު ކޯލިޝަންގައި ތިބި ތިން ޕާޓީ އަށެވެ. އެއީ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމް އަށެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރަކު މިރޭ "ހަތާވީސް" އަށް ވިދާޅުވީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން ބާއްވަނީ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅާއި މެދު ގޮތެއް ނިންމުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސްގެ ސިޓީއާ ގުޅިގެން ޕާޓީއެއްގެ އެތެރޭގައި ރަސްމީކޮށް މަޝްވަރާ މި ކުރަނީ އަޅުގަނޑުމެން [އަދާލަތު ޕާޓީން] ފުރަތަމަ ފަހަރަށް،" އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުން އޮންނާނީ މިރޭގެ 21:00ގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ރޭ ވިދާޅުވީ އެގޮތަށް ރައީސް ސިޓީފުޅެއް ޕާޓީތަކަށް ފޮނުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިމަހުގެ 15ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހަށް ދެއްވުމަށް ވަނީ ފާސް ކޮށްފައެވެ.
ކޯލިޝަން ހެދުމަށް ޕާޓީތަކަށް ރައީސް ސޯލިހުގެ ސިޓީފުޅެއް ފޮނުއްވިއިރު އެމްޑީޕީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިދިޔަ ހޮނިހިރު ދުވަހު ރޭގެ ވަގުތެއްގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފައެވެ.
ސަން އައިލެންޑުގައި އޮތް އެ ބައްދަލުވުމާއި ގުޅޭ މާބޮޑު ތަފްސީލެއް އެއްވެސް ޕާޓީއަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އަލީ ނިޔާޒު ވިދާޅުވީ އެ ބައްދަލުވުމަކީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށެވެ. އަދި އެމްޑީޕީގެ މިސްރާބު ހުރީ ކޯލިޝަން އާއިއެކު އެމްޑީޕީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.