ކުރިޔަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އެސްޓީއޯ އިން އެކުންފުނީގެ ފިހާރައެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވާނެ ކަމަށް ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ ރޯދަމަހަކީ އަބަދުވެސް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، ލިބުމުގެ ދަތިކަން އިންތިހާއަށް އިހްސާސް ކުރެވޭ މަހެއް ކަމަށެވެ. އާންމުންގެ އެފަދަ ޝަކުވާތަކާއި، ނުތަނަވަސް ކަމަށް ހައްލު ހޯދައިދިނުމަކީ 1964ވަނަ އަހަރު "އަތިރީ މާފަންނު" ނަމުން އެސްޓީއޯ އުފެދުމުގެ މައިގަނޑު އެއް އަސްލު ކަމަށްވެސް ބުންޏެވެ.
އެގޮތުން މިއަދާ ހަމައަށްވެސް އެސްޓީއޯ ހިންގަމުން އަންނަނީ އެ އަސްލުގެ މަތީގައި ކަމަށާއި އެއިރެއްގައި އާންމުންނަށް ދިމާވެފަވާ ދަތިތަކަށް ޒަމާނީ ހައްލު ހޯދައިދިނުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މާކެޓް ޓްރެންޑްތަކަށް އަންނަ ބަދަލުތަކާއި އެކު ދިމާވެދާނެ ކަންކަމަށް ތައްޔާރު ވުމަކީވެސް އެހާމެ މުހިންމު ކަމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

[caption id="attachment_47940" align="alignnone" width="1600"] ހުޅުމާލެ ފޭސް ދޭއްގައި އެސްޓީއޯ އިން ހުޅުވާ ފިހާރަ ހުންނާނެ ގޮތުގެ ކުރެހުމެއް ---[/caption]
މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަތަކެތީގެ އަގުތައް އަރައިގެން ގޮސްފާނޭކަމުގެ ޝަކުވާ އާއި ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮށްފައި ހުރުމާއެކު، އެސްޓީއޯ އިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެކުންފުނީގެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެއީ ހުޅުމާލޭ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާއެއް ކަމަށާއި އަދި އެއާއެކު މާލެއަށް ދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނޭކަމުގެ ބިރެއް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

[caption id="attachment_47939" align="alignnone" width="1600"] އެސްޓީއޯގެ ފިހާރަ ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަ ތަނަށް އެކުންފުނީގެ އެމްޑީ އަމްރު ވަޑައިގެން ---[/caption]
އެފަދަ މުހިންމު ޝަކުވާތައް ދެނެގަނެ، ޒަމާނީ ހައްލު ހޯދައިދިނުމުގެ ގޮތުން އެސްޓީއޯ އިން ވަނީ ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ހާއްސަކޮއްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައެވެ. ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިހާރަ ހުޅުވިގެން ދާނެއެވެ. އަދި އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށާއި ފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތައް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮއްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ މާޗް މަހު ކުރީކޮޅުގައި އެސްޓީއޯއަށް ފިޔާ، އަލުވި، އަދި ބިހުގެ ސްޓޮކް ލިބިގެންދާނެ ކަމަށާއި އަގުތައް ހިފެހެއްޓުމުގެ ގޮތުން ހުސްވިޔަ ނުދީ އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.