ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގާނޫނުގައި މިހާރު އޮންނަ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. ގާނޫނުގައި މިހާރު އޮންނަނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލާތާ 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލާން ވާނެ ކަމަށެވެ.
ނަމަވެސް ސަރުކާރުން މިހާރު އިސްލާހު ކުރަން ނިންމާފައި ވަނީ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށެވެ.
މިދިޔަ މަހުގެ 15ވަނަ ދުވަހު އިލެކްޝަންސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ބާއްވަން އެ ކޮމިޝަނުން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުކަން އިއުލާން ކުރައްވާފައެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ދެވަނަ ބުރު ބާއްވަން ވަނީ ނިންމާފައެވެ.
[caption id="attachment_22871" align="alignnone" width="1079"] ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްފޮޓޯ: ރައްޔިތުންގެ މަޖިލިސް[/caption]
ފުއާދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ 23ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3ވަނަ ދުވަހާއި ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވު ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމަށް އޮގަސްޓު 10 އިން ސެޕްޓެމްބަރު 8އާ ހަމައަށް ވަގުތު ދެވޭނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 280،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އެއީ 2018ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ 21،000 މީހުން އިތުރު އަދަދެކެވެ.