ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިޔާލު ތަފާތުވެފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ދެ ބޭފުޅަކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބަކު ރޭ ގާސިމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެއީ ގދ. އަތޮޅު މެމްބަރެއްގެ ގޮތުގައިން ކުރިން ހުންނެވި މުހައްމަދު ރަޝާދު ހުސައިނާއި އަދި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ރައީސް ސޯލިހާ ހިޔާލު ތަފާތުވެފައިވާ ރައީސް ނަޝީދު ވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު އެމްޑީޕީ އިން ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް ސޯލިހާ ދެކޮޅަށް ނިކުމެވަޑައިގެންފައެވެ. ނަމަވެސް އެ ޕްރައިމަރީން ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީއެވެ. އޭގެފަހުން ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން އަންނަނީ “ފިކުރެއްގެ ދިރުން” ނަމުގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ.

https://twitter.com/husnfirey/status/1627374410259902464?s=20

ފިރުޝާންގެ ޓްވީޓުގައިވެސް ވިދާޅުވެފައި ވަނީ ގާސިމާ ބައްދަލުކުރެއްވީ "ފިކުރެއްގެ ދިރުން" ޓީމުގެ ފަރާތުން ކަމަށެވެ. އެ ޓީމުގައި އިސްކޮށް އުޅުއްވަނީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދުގެ މަންދޫބުންތަކެއް ގާސިމާ ބައްދަލުކުރެއްވިއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ވަނީ ދެ ބޭފުޅަކު ގާސިމާ ބައްދަލުކުރައްވާފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. އެ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމަ ނުކުރި ނަމަވެސް އެ ބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ރައީސް ސޯލިހު މިހާރު ވަނީ ސަރުކާރު ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރްއެމް އަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިއަތު ހިފުމަށް އެދި ދައުވަތު ފޮނުވައިފައެވެ. އެކަމަކު އަދި އެއްވެސް ޕާޓީއަކުން އެ ސިޓީ އަށް ޖަވާބު ދީފައެއް ނުވެއެވެ.