މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނުގެ ސަރުކާރުގައި މިވަގުތުވެސް ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން އެމްޑީޕީ އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ކޯލިޝަން ޕާޓީއެއްގެ އިސް އޮފިޝަލަކު "ހަތާވީސް" އަށް މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން ސިޓީފުޅެއް ލިބިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު މިރޭ ވިދާޅުވީ އެގޮތަށް ރައީސް ސިޓީފުޅެއް ޕާޓީތަކަށް ފޮނުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިމަހުގެ 15ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހަށް ދެއްވުމަށް ވަނީ ފާސް ކޮށްފައެވެ.

ކޯލިޝަން ހެދުމަށް ޕާޓީތަކަށް ރައީސް ސޯލިހުގެ ސިޓީފުޅެއް ފޮނުއްވިއިރު އެމްޑީޕީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރޭގެ ވަގުތެއްގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފައެވެ.

ސަން އައިލެންޑުގައި ރޭ އޮތް އެ ބައްދަލުވުމާއި ގުޅޭ މާބޮޑު ތަފްސީލެއް އެއްވެސް ޕާޓީއަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އަލީ ނިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ބޭއްވި ބައްދަލުވުމަކީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށެވެ. އަދި އެމްޑީޕީގެ މިސްރާބު ހުރީ ކޯލިޝަން އާއިއެކު އެމްޑީޕީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.