އެމްޑީޕީގެ މިސްރާބު ހުރީ ކޯލިޝަނަކާއެކު އެއްބުރުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒާއި އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރޭގެ ވަގުތެއްގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފައެވެ.

މި ދެ ބޭފުޅުން ގާސިމާ ބައްދަލުކުރައްވާފައި ވަނީ ގާސިމްގެ ރިސޯޓު ސަން އައިލެންޑުގައެވެ. މި ދެ ބޭފުޅުން ގާސިމާ ބައްދަލުކުރައްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގައި ހިމެނޭ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ އެއީ މާ ކުރީގެ ފޮޓޯއެއް ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވައިފައެވެ.

ވައްޑެ އަށް ރައްދު ދެއްވާ އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފޮޓޯ އަކީ ރޭގެ ފޮޓޯއެއް ކަމަށެވެ.

”މީ ވަރަށްއުއްމީދީ ބައްދަލުވުމެއް. އިރާދަކުރެއްވިއްޔާ ކޯލިޝަން އާއިއެކު އެމް.ޑީ.ޕީ އެއްބުރުން އިންތިޚާބް ކާމިޔާބު ކުރާނެ މަގަށް މިސްރާބް މިހުރީ” ރޭގެ ބައްދަލުވުމާއި ގުޅޭ ގޮތުން އޭނާ ވިދާޅުވިއެވެ.

އަސްލަމާއި އަލީ ނިޔާޒު ގާސިމާ ބައްދަލުކުރައްވާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާފައި ވަނިކޮށެވެ.

އަސްލަމާއި އަލީ ނިޔާޒު ގާސިމާ ބައްދަލުކުރައްވާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާފައި ވަނިކޮށެވެ.

ގާސިމާ މި ދެ ބޭފުޅުން ބައްދަލުކުރެއްވިއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަ ކުރައްވާނެ ކަމަށް އެޕާޓީގެ އިސް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އެ ބޭފުޅަކީ ސީދާ ކޮން ބޭފުޅެއްކަން އަދި އިއުލާން ނުކުރި ނަމަވެސް ގާސިމަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ “ގާސިމް2023” މި ނަމުގައި ކެމްޕެއިން ކުރަމުންނެވެ.

ގާސިމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ގާސިމް ނުވަތަ ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި އެންމެ ބޮޑު ޕަސެންޓެއް ވެސް ލިބިފައިވާ ޕާޓީއެވެ. އެހެންކަމުން އަސްލަމާއި އަލީ ނިޔާޒު ގާސިމާ ބައްދަލުކުރެއްވީ 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާ އަށް ކަމަށް ބެލެވެއެވެ.

މީގެއިތުރުން މިހާރު ރައީސް ސޯލިހާ ހިޔާލު ތަފާތުވެފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ ރިޔާސީ އިންތިހާބަށް ގާސިމްގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.