މި މަހުގެ 15ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް 267,507 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައި ވަނީ 206,181 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ވަނީ 29 ޕަސެންޓު އިތުރުވެފައެވެ.

އެވްރެޖު ގޮތެއްގައި މިއަހަރު 5,815 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރެއެވެ. އަދި އެވްރެޖު ގޮތެއްގައި 8 ދުވަސް ވަންދެން ފަތުރުވެރިން ރާއްޖޭގައި މަޑުކުރެއެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ މާކެޓަކީ ރަޝިޔާއެވެ. އެގައުމުން މިހާތަނަށް 34,128 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތް ކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އަވައްޓެރި އިންޑިއާ އިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 29,513 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ. ތިންވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން މިއަހަރު ރާއްޖެ އަށް ޒިޔާރަތް ކުރަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެގައުމުން 25,396 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަހަރު ނިމިގެން ދިޔައީ އެޓާގެޓަށް ވުރެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެންނެވެ. މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒެވެ.