މިދިޔަ ހަފްތާގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލުނު ގާނާގެ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫގެ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 31 އަހަރުގެ އަޓްސޫގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިއުޅުނު އިމާރާތުގެ ކުނިތަކުގެ ދަށުން ކަމަށް ތުރުކީގެ އެޖެންޓް އަދި އޭނާ ނިސްބަތްވާ ކްލަބުން ވަނީ ބުނެފައެވެ. އިނގިރޭސި ޕްރިމިއާލީގަށް މީގެ ކުރިން ކުޅުނު އަޓްސޫ ތުރުކީގެ ހަޓައިސްޕޯރާ ކްލަބާ ގުޅުނި މިދިޔަ އަހަރުއެވެ.

https://twitter.com/MerdFewcha/status/1626993696263573505

"އަޓްސޫގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ ކުނިތަކުގެ ދަށުގައި،" އެޖެންޓް މުރަތު އުޒުންމެހެމެޓް ހަޓޭގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

"މިހާރު ވެސް އިތުރު ތަކެތި ނަގަނީ. އޭނާގެ ފޯނު ވެސް ފެނުން" އެޖެންޓު ބުންޏެވެ. ސާޗް ޓީމުތަކުން އަޓްސޫގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ 12 ބުރީގެ ލަގްޒަރީ އިމާރާތެއް ކަމަށްވާ ރޮނެސަންސް ރެސިޑެންސް ދަށުންނެވެ.

https://twitter.com/SouthamptonFC/status/1626960984064638981

އެ އިމާރާތުގެ ކޮންޓްރެކްޓަރު ވަނީ މިދިޔަ ހަފުތާގައި އިސްތަންބޫލް އެއާޕޯޓުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ފުރައިގެން މޮންޓެނީގްރޯއަށް ދާން އުޅުމުގެ ތެރޭގައި ކަމަށް ތުރުކީގެ ދައުލަތުގެ ނޫސް އެޖެންސީ އަނަޑޯލޫ އިން ރިޕޯޓްކުރެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމުގެ ގަޑިއިރުތަކެއް ކުރިން ތުރުކީގެ ދެކުނުން އަޓްސޫ ފުރަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ހަޓައިސްޕޯރުގެ މެނޭޖަރު ހުކުރު ދުވަހު ބުނީ ގާނާގެ ފޯވާޑް އެ ކްލަބާއެކު މަޑުކުރަން ނިންމީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ސުޕަ ލިގް މެޗެއްގައި މޮޅުވި ލަނޑު ޖެހުމަށް ފަހު ކަމަށެވެ.

https://twitter.com/SkySportsNews/status/1626995064403554305

ގާނާގެ ހާރިޖީ ވުޒާރާއިން ބުނީ އަޓްސޫ މަރުވި "ހިތާމަވެރި" ހަބަރު ލިބިފައިވާ ކަމަށެވެ. "ހަށިގަނޑު ފެނުނު އިރު ކްރިސްޓިއަން އަޓްސޫގެ ބޮޑުބޭބެ އާއި ދެ ކޮއްކޮ އާއި (ގާނާގެ) އެމްބަސީގެ އޮފިސަރަކު އެތަނުގައި ތިއްބެވި،" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތައް ކަމަށްވާ އެވަޓަން، ޗެލްސީ އަދި ނިއުކާސަލް ޔުނައިޓެޑާ އެކު ކުޅުނު އަޓްސޫ ހަޓައިސްޕޯރާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ބިންހެލުން އައިތާ އެއް ދުވަސް ފަހުން އަޓްސޫ ސަލާމަތްކުރި ކަމުގެ ހަބަރުތަކެއް ފެތުރުނެވެ. ނަމަވެސް އެއީ ދޮގެއް ކަން ފަހުން ވަނީ ހާމަވެފައެވެ.

ސޯޝަލް މީޑިއާގައި އެތައް ބަޔަކު ހިތާމާ ފާޅުކުރަމުންދާއިރު އޭނާގެ ކުރީގެ ކްލަބްތަކުންވެސް ދަނީ ތައުޒިޔާގެ މެސެޖްތައް ހިއްސާކުރަމުންނެވެ.

https://twitter.com/iamrahmanosman/status/1626960416575311874

"އަހަރުމެންނަށް އަޓްސޫ މަތިން ހަނދާން ނައްތައެއް ނުލެވޭނެ" ހަޓައިސްޕޯރް ކުރެއްވި ޓުވީޓެއްގައި ބުންޏެވެ. އަޓްސޫ ކުރިން ކުޅުނު ކްލަބެއް ކަމަށްވާ ނިއުކާސަލް އިން އޭނާ ސިފަކުރީ ހުނަރުވެރި ކުޅުންތެރިއެއްގެ އިތުރުން ހާއްސަ ކުޅުންތެރިއެއްގެ ގޮތުގައެވެ.

"އަހަރެމެންގެ ކުޅުންތެރިންނާއި ސްޓާފުންނާއި ސަޕޯޓަރުން އަޓްސޫގެ މަތިން ހަނދާން ނުނެތޭނެ" އެ ކްލަބުން ބުންޏެވެ.

2015 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި އަޓްސޫ ކުޅުނެވެ. އޭނާ އެންމެ ފަހުން ގާނާއަށް ކުޅެން ހޮވުނީ 2019 ވަނަ އަހަރުއެވެ.

ގާނާ ފުޓްބޯލް އެސޯސިއޭޝަނުން ބުނީ އަޓްސޫގެ އަންހެނުންނަށާއި ދަރިންނާއި އާއިލާއަށާއި ގާތް ތިމާގެ މީހުންނަށާއި ފުޓްބޯޅަ މުޖުތަމައުއަށް ވަރަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ޕޯޓޯއިން 2013 ވަނަ އަހަރު ޗެލްސީއާ ގުޅުނު އަޓްސޫ ވަނީ ވިޓެސޭ އާއި ބޯންމައުތު ފަދަ ކްލަބްތަކުގައި ލޯނު އެއްބަސްވުމެގެ ދަށުން ކުޅެފައެވެ. ޗެލްސީން ވަނީ އަޓްސޫގެ އާއިލާއަށާއި ރަހުމަތްތެރިންނާއި ބިންހެލުމުގައި ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ތައުޒިޔާ ފޮނުވާފައެވެ. އެވަޓަން އިން ކުރި ޓްވިޓެއްގައި ބުނީ އަޓްސޫ މަރުވި ހަބަރު ލިބުމުން އެ ކްލަބުން ވަރަށް ހިތާމަކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިތިބީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނާއި ހަޓައިސްޕޯރްގައި ތިބި އެކުވެރިންނާއި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ މި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު އެންމެންނާ އެކުގައި،" އެ ކްލަބުން ބުންޏެވެ.

ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައި މިހާތަނަށް 45،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ތުރުކީގެ 264،000 އެޕާޓްމަންޓް ހަލާކުވެ އަދިވެސް އެތައް ބަޔަކު ގެއްލިފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.