އެމްޑީޕީގެ ތެރޭގައި މިއަދު ދެ ފެކްޝަނެއް އުފެދި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ހަރަކާތްތަކުން ފެޔަށް ޖެހިވަޑައިގަތުމުގެ ހިތްދަތިކަން އެބައޮތް ކަމަށާއި އެހެން ނުހައްދަވާ ޕާޓީ ހިންގުމަށް ވަޑައިގަތުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެއްވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ އަދި އަސާސްތަކާއި އުސޫލުތަކަކީ ކަޅާއި ހުދުން ލިޔެވިފައިވާ އެއްޗެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ ތިންވަނަ ބާބުގައި ޕާޓީގެ އުސޫލާއި އަމާޒާއި އަދި މަގުސަދު ބަޔާން ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެބްސައިޓުގައި އެޕާޓީ ގަބޫލުކުރާނެ ހަމަތަކާއި ފިކުރުތަކަކީ ކޮބައިކަން ވެސް ބަޔާން ކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އަސްލަމް ވަނީ އެ ނޫން ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓާލުމަށް ގޮވާލައިފައެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ވަޑައިގަންނަވާށޭ މިއަދުވެސް މިތަނުން [ރިޔާސީ ޓިކެޓު ހަވާލުކުރާ ޖަލްސާ] ވެސް މަނިކުފާނު [ރައީސް ނަޝީދު] ނެތްކަން އެ ހިތްދަތިކަން އަޅުގަނޑުމެންގެ އެބަވޭ. މަނިކުފާނު ވަޑައިގަންނަވާށޭ މި ސަފުތަކާއި ގުޅިވަޑައިގަންނަވާށޭ އަޅުގަނޑުމެންގެ މިޕާޓީ ކުރިޔަށް ގެންދަމާ ހިންގަވާށޭ،" އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހަށް ތައުރީފު ކުރައްވާ ވާހަކަދައްކަވަމުން އަސްލަމް ވަނީ ދެން އަންނަ ދައުރެއްގައި ވެސް ރައީސް ސޯލިހު ވެރިކަން ކުރައްވާނީ ރައްޔިތުން ދެއްވާ މެނިފެސްޓޯ އަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަސްލަމް ވަނީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ވެސް އެމަނިކުފާނު ވެރިކަން ކުރެއްވީ ރައްޔިތުން ދިން މެނިފެސްޓޯ އަކަށް ކަމަށާއި އެ މެނިފެސްޓޯ އަށް ބަލާފައި ސްޓްރެޓިޖިކް އެކްޝަން ޕްލޭނެއް ސަރުކާރުން ތައްޔާރުކުރި ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުން ނުވާ ކޮން ވާހަކައެއްތޯ ކޮން ކަމެއްތޯ އޭގައި ނެތީ،" ސްޓްރެޓިޖިކް އެކްޝަން ޕްލޭނާއި ގުޅޭ ގޮތުން އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކެރިގެން ހިތްވަރާއެކު ރައީސް ސޯލިހުގެ ސަރުކާރުން ފުއްދަމުން އަންނަ ކަމަށެވެ.