އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުންގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވުނު އިސްލާހަކާއެކު އުނިކުރަން ޖެހުނު މެންބަރުންގެ މެންބާޝިޕް އިޔާދަ ނުކުރެވޭނެ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަންގެ ނާއިބު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ 2016 ވަނަ އަހަރު ސިޔާސީ ޕާޓީގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު ފިންގަޕްރިންޓް ނެތުމުން އެމްޑީޕީގެ ދަފްތަރުން އުނިކުރި މެމްބަރުންގެ މެމްބާޝިޕް އިޔާދަ ކުރުމަށް ޝަރީއަތަށް ދިއުމުން ގާނޫނާ ހިލާފަށް އެކަން ކޮށްދެވެން ނެތް ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމަށެވެ.

https://twitter.com/ali_niya/status/1626535208584617987?s=20

އަލީ ނިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްގަފޫރު ހުށަހެޅުއްވި އެ މައްސަލާގައި މެންބަރުން ވަކި ކުރެވޭނީ އެ މެންބަރަކާއި މެދު އެޅޭ ފިޔަވަޅެއްގެ ގޮތުން ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ދަފްތަރުން އުނިކުރި 39،000 މެންބަރުން ވަކި ކޮށްފައި ވަނީ އެ މެންބަރުންނާއި މެދު އެޅި ކޮން ފިޔަވަޅެއްގެ ސަބަބުން ކަމެއް އެނގެން ކަމަށެވެ.

އަދި އެފަދަ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭ ގޮތަށް ބޭއްވުނު އިންތިހާބަކީ ސައްހަ އިންތިހާބެއް ކަމަށް ނުދެކޭ ކަމަށާއި އެހެންކަމުން އެ އިންތިހާބަކީ ސައްހަ ނޫން އިންތިހާބެއް ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެދިފައިވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅިއިރު އެމްޑީޕީ އިން އަންނަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންނެވެ.