ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމް ކުރުމުގެ ގޮތުން މިހާރު މަސައްކަތް ކުރިޔަށްދާ ރަށްރަށުގެ ތެރެއިން 13 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ބައެއް ރަށްރަށުގައި ފެން ރައްކާކުރުމާއި ވާރޭ ފެން ރައްކާކުރާ ޓޭންކްތައް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.
މި 13 ރަށަކީ މ. ކޮޅުފުއްޓާއި މ. މަޑުއްވަރިއާ މ. މުއްޔާއި ފ. ބިލެއްދޫ އާއި ފ. ދަރަނބޫދޫ އާއި ދ. ބަނޑިދޫ އާއި ދ. މީދޫ އާއި ތ. ހިރިލަންދޫ އާއި ލ. ގަމާއި ލ. ކަލައިދޫ އާއި ލ. އިސްދޫ އާއި ލ. މާމެންދޫ އަދި ލ. މައިބައިދޫއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަށްތަކުގެ ތެރެއިން 5 ރަށެއްގެ ފެން ރައްކާކުރުމާއި ވާރޭ ފެން ރައްކާކުރާ ޓޭންކްތައް އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން އެހެން ރަށްތަކަށް ފެން ރައްކާ ކުރާ ޓޭންކުތައް ގެންދިއުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އަދި އާރްއޯ ބެހެއްޓުމާއި އަލްޓްރާ ފިލްޓްރޭޝަން އަދި އެހެނިހެން އާލާތްތައް ބެހެއްޓުން ފަދަ މަސައްކަތްތައް ނިމުމުގެ މަރުހަލާގައި އޮތް 8 ރަށެއް އެބައޮތެވެ.
އިންޓާނަލް ޕައިޕް ކަނެކްޝަނާއި އިލެކްޓްރިކަލް މަސައްކަތްތައް ވެސް ދަނީ ކުރިޔަށެވެ. އެގޮތުން ނަރުދަމާ ފިކްސިން އާއި ސީލިންގް ވޯކްސް ފަދަ މަސައްކަތްތައް ވެސް މިހާރު ހުރީ ނިމުމަކާއި ގާތަށް ގޮސްފައެވެ.
މި ރަށްތަކުގައި ވޯޓާ ސަޕްލައި ނެޓްވޯކް އިންސްޓޯލްކުރުމާއި، ޕްރެޝަރު ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ އެޕްރޫވްޑް ކުރެހުންތަކާއި ކޮންޓްރެކްޓް ރިކުއާމަންޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިމިފައެވެ.
ގޭގެ ކަނެކްޝަން އަދި ފެން މީޓަރު ފިކްސްކުރުމުގެ މަސައްކަތްވެސް ޕްލޭން ކުރެވިފައިވާ ގޮތަށް ނިންމާލެވޭނެ ކަމަށް މައުލޫމާތުލިބެއެވެ. އަދި ސޯލާ އިންސްޓޯލްމެންޓްގެ މަސައްކަތް ޕްރޮޖީސްގައި ކުރިއަށްދާއިރު 02 ރަށެއްގައި ވަނީ ނިމިފައެވެ.
މީގެ އިތުރުން 11 ރެއިން ވޯޓާ ކަލެކްޝަން ސްކޯޕްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
ރެއިން ވޯޓާ ކޮންވެޔަންސް ނެޓްވޯކް ނިންމުމުގެ މަސައްކަތް ހުރިހާ ރަށެއްގައި ވެސް ވަރަށް އެޑްވާންސްކޮށް، 07 ފެނުގެ ރަށެއްގައި 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
އެލުމިނިއަމްގެ ދޮރުތަކާއި ވިންޑޯސް މެޓީރިއަލްސް ހުރިހާ ރަށަކަށް ގޮސް ފިކްސްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ޓައިލް މެޓީރިއަލްތައް މިހާރުވެސް ހުރިހާ ސައިޓަކަށް ޑެލިވަރީކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށޭނެެއެވެ. އަދި 5 ރަށެއްގެ ނަރުދަމާ ނެޓްވޯކްގެ މަސައްކަތްވެސް އެއްފަހަރާ ކުރިއަށްއެބަދެއެވެ.
މި މަޝްރޫއުއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެނިޒާމެއް ގާއިމްކޮށްދިނުމަށް ވެފައިވާ ވައުދާއި ގުޅިފައިވާ މަޝްރޫއުއެކެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ފެނުގެ ނިޒާމު އޮތީ ރާއްޖޭގެ އާބާދީގެ 37 ޕަސެންޓު ރަށުގައެވެ. ނަރުދަމާގެ ނިޒާމު އޮތީ 20 ޕަސެންޓު ރަށުގައެވެ.