ގެއްލިގެން ހޯދަމުން އަންނަ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ހޯދުމަށް 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށާއި އެހެންނަމަވެސް އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އާސިރު ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އާސިރު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ލިބުނީ ޖެހިގެން އައި ދުވަހު (ފެބްރުއަރީ 5ވަނަ ދުވަހު) ކަމަށެވެ.
އާސިރު ހޯދުމަށް، އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގޭ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ 20:19 ހާއިރު އާސިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ފުލުހުންގެ ސީސީޓީވީ އިން ލިބިފައިވާ ފުޓޭޖްތައް އެނަލައިޒް ކޮށްގެން ހޯދިފައިވާ ކަމަށާއި އެހެން ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަހަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
އާސިރު ހޯދުމަށް އެއާޕޯޓް ފަޅުގައިހުރި ހުރިހާ އޮޑިދޯނި ފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރު ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައި ވޭތޯ ބަލާފައިވެއެވެ. އަދި އެއާޕޯޓްގެ އެކި ސަރަހައްދުތައް ބަލައި ފާސް ކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާ ކަމަށާއި އަދި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާ ކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަށް ނުދާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
އާސިރު އެއާޕޯޓަށް ދިއުމަށް އެރި ޓެކްސީ އައިޑެންޓިފައިކޮށް އެ ޓެކްސީގެ ޑްރައިވަރާ ތަހުގީގު ޓީމުން ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓުހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސް ތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތުގެ އިތުރުން، މާލެ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އާސިރު އާސިރު ނުފެނި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ފުލުހުން ނުހަނު ކަންބޮޑުވާ ދުވަހެއް ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.