ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓުބޯޅަ ކުލަބު، ވިކްޓްރީއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ ވަރުގަދަ ދެ ކުލަބެއް ގެނެސް މުބާރާތެއް ކުޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިކްޓަރީއިން ބުނެފިއެވެ.

މެދުކެނޑުމެއް ނެތި ރާއްޖޭގެ ކުޅިވަރަށް އެންމެ ގިނަ މުއްދަތެއްގައި ހިދުމަތް ކުރި ކްލަބް އުފެއްދީ ޖުލައި 1971 ގައި އެ ކްލަބްގެ ލެޖެންޑްރީ ޗެއާމަން މަރްހޫމް މައިނާ އިބްރާހިމް ރަޝީދު އިސްނެންގެވުމުގެ މަތިންނެވެ.

އޭގެ ފަހުން ގައުމީ ފެންވަރުގައްޔާއި، ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވަނަތައް ހޯދަމުން އައިސް ފުޓުބޯޅައިގެ ހަރަކާތްތަކުން އެކުލަބު ސަސްޕެންޑް ކުރީ 2020 ގައެވެ. އޭގެ އެއް އަހަރު ފަހުން އެކުލަބުގެ ހިންގުމަށް 50 އަހަރު ފުރުނު އިރު ކޮވިޑްގެ ހާލަތު އޮތީ ގޯސްކޮށެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އަލުން އަނބުރާ އެކުލަބުގެ ސަސްޕެންޝަން އުވާލުމުން ވިކްޓަރީން ހަރަކާތައް ވަނީ ފަށައިފައެވެ.

އެގޮތުގެ މަތިން ދެވަނަ ޑިވިޝަނުގައި ބައިވެރިވި އިރު، މިހާރު އެކުލަބުން މަސައްކަތް ކުރަނީ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. އެކަމަށްޓަކައި އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެފްއޭއެމްއާ އެކު މަޝްވަރާތައް ކުރާކަމަށް އެކުލަބުގެ ޓެކްނިކަލް ޑިރެކްޓަރު އަދި އެ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު އާދަމް ވަނީ ބުނެފައެވެ.

ބޭރުގެ ކްލަބްތަކަށް ދައުވަތު ދީގެން ކޮންމެ އަހަރަކު ޕޮމިސް ކަޕްގެ ނަމުގައި މުބާރާތެއް ރާއްޖޭގައި މީގެ ކުރިން ބާއްވާފައި ވެއެވެ. އެގޮތުން 1987 ގައި ބާއްވަން ފެށި މުބާރާތުގެ ފުރަތަމަ ދެ އަހަރު ކާމިޔާބު ކުރީ ބޭރުގެ ކްލަބްތަކުންނެވެ. އެ މުބާރާތް އެންމެ ފުރަތަމަ ކާމިޔާބު ކުރި ދިވެހި ޓީމަކީ ވިކްޓަރީ އެވެ.

ކުރިއަށް އޮތް ދެވަނަ ޑިވިޝަން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވިކްޓަރީއިން މިހާރުއްސުރެން މަސައްކަތް ފަށާފައިވާ އިރު އެ ޓީމުގެ ކޯޗަކަށް މިފަހުން ވަނީ ގައުމީ ޓީމަށާއި، ވިކްޓަރީއަށް ކުރިން ކުޅުނު ސޮބާހު މުހައްމަދު ހަމަޖައްސައިފަ އެވެ.

އަދި އެއާއެކު ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއާއި މުހައްމަދު އުމެއިރުގެ އިތުރުން މިދުހަތު ފަހުމީގެ ސޮއި ވެސް ވިކްޓަރީއިން މިހާރު ވަނީ ހޯދައިފައެވެ. ވިކްޓަރީގެ އަމާޒަކީ މިފަހަރުގެ ދެވަނަ ޑިވިޝަން ކާމިޔާބުކޮށް އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައި، ވިކްޓަރީ ކުރިން އޮތް މަގާމަށް އައުން ކަމަށް އެކުލަބުން ބުނެއެވެ.