ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތުރީލައިންވިޕާ ދެކޮޅަށް ހަތަރު ވަނަ ފަހަރަށް އަމަލުކޮށްފިނަމަ، އެ މަޖިލިސް މެމްބަރަކު އެމްޑީޕީން ވަކިކުރެވޭ ގޮތަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގަވާއިދު އިސްލާހު ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް، ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވާހަކަ ދައްކަވާފައެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އޮންނައިރު، ސަރުކާރުން މަޖިލީހަށް ފޮނުވާ މައްސަލަތަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އުސޫލާ ހިލާފަށް އެމްޑީޕީގެ ބައެއް މެމްބަރުން އަމަލު ކުރަމުން ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ތަކުރާރުކޮށް ވިޕްލައިނާ ހިލާފަށް ވޯޓު ދޭ ތަން ފާހަގަ އެބަކުރެވޭ،"

އަސްލަމް ވިދާޅުވީ ވިޕްލައިންއާ ހިލާފުވާ މެންބަރުންނާ މެދު އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާ ޕާލިމެންޓްރީ ގްރޫޕުގެ މެދުގައި ފެށިފައިވާ ކަމަށެވެ. ގަވާއިދަށް ގެންނަ އިސްލާހަކީ ތުރީ ލައިން ވިޕެއް ކަނޑައަޅައިފިނަމަ ޕާލިމެންޓަރީ ގްރޫޕުގެ ކޮންމެ މެމްބަރެއް މަޖިލީހަށް ހާޒިރުވުމަށާއި، ކަނޑައަޅާފައިވާ ގޮތަށް ވޯޓު ދިނުން ލާޒިމް ކުރުމެވެ. ލީޑާޝިޕް ގަބޫލުކުރެވޭ ސީރިޔަސް ހާލަތެއް މެދުވެރިވެގެން ފިޔަވައި ކުރިން ހުއްދަ ހޯދުމަކާއި ނުލައި، ވިޕަަށް އަމަނުކޮށް އަދި މަޖިލީހަށް ހާޒިރުނުވެ ވޯޓުގައި ބައިވެރި ނުވާނަމަ އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ވަނީ އިސްލާހު ހުށަހަޅާފައެވެ.

[caption id="attachment_47776" align="alignnone" width="2560"] އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން—- ފޮޓޯ/ ޙުސައިން ޙަސަން[/caption]

ޕާލެމެންޓްރީ ގްރޫޕުގެ ގަވާއިދަށް ހުށަހެޅި އިސްލާހަކީ ތްރީލައިން ވިޕާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު ލިޔުމުން ނަސޭހަތްދީ މާފަށް އެދުމަށް އެންގުމެވެ. މާފަށް އެދުމަށް އަންގާތާ ހަތް ދުވަހުގެ ތެރޭގައި ލިޔުމުން މާފަށް އެދެންވާނެއެވެ.

"މިގޮތަށް އަމަލުނުކޮށްފިނަމަ މި މާއްދާގެ ށ ދޭއްގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ. ދެވަނަ ފަހަރު ހިލާފުވެއްޖެނަމަ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ނުވަތަ އެހެން މަގާމެއްގައި ހުރި ނަމަ އެ މަގާމަކުން ވަކި ކުރުން އަދި ޕާޓީގެ ސްލޮޓެއްގައި މަޖިލީހުގެ ކޮމިޓީއެއްގައި ހުރެ ކޮމިޓީގެ މުގައްރިރަށް ނުވަތަ ނައިބު މުގައްރިރަކަށް ހުރި ނަމަ އެ މީހަކު ކޮމިޓީއަކުން ވަކި ކުރަން ހުށަހެޅުން" އަސްލަމް ވިދާޅުވިއެވެ.

ތިން ވަނަ ފަހަރު ހިލާފުވެއްޖެނަމަ އެންމެ އަވަަހަށް އޮންނަ މަޖިލީހުގެ އިންތިހާބުގައި ޕާޓީގެ ޓިކެޓް އެ މީހަކަށް ގެއްލޭނެއެވެ.

"ތިން އަހަރު ތެރޭގައި ޕާޓީގެ އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ. ހަތަރު ވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ޕާޓީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުން،" މަޝްވަރާ ކުރެވިފައިވާ ކަންތައްތައް ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫ ލައިން ވިޕެއް ކަނޑައަޅައިފިނަމަ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވެ ތިބި ކޮންމެ މެމްބަރެއް ވިޕްލައިނާ އެއްގޮތަށް ވޯޓު ދިނުމެވެ. އަދި ހާޒިރުނުވެވޭނަމަ ޕީޖީ ލީޑަރަށް އަންގަންވާނެއެވެ. ހާޒިރުވެ ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމަކީ ކުށެކެވެ.

ފުރަތަމަ ފަހަރަށް ޓޫލައިންވިޕާ ހިލާފުވެއްޖެނަމަ އަނގަ ބަހުން ނަސޭހަތް ދިނުމަށް ހުށަހަޅާފައިވެއެވެ. އެގޮތަށް އަނގަ ބަހުން ނަސޭހަތްދެވިފައިވާކަން އެންމެ އަވަހަށް ބާއްވާ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގައި ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންނަށް ޕާޓީގެ ލީޑަރު އަންގާނެ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ލިޔުމުން ނަސޭހަތް ދިނުން އަދި ތިން ވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ފިޔަވަޅު އެޅުމުގައި އަމަލުކުރެވޭނީ ތްރީ ލައިން ވިޕާ ހިލާފުވުމުން އަމަލުކުރެވޭ އުސޫލުންނެވެ.