މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް ފާސްކޮށްފިއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީ ގައުމީ މަޖިލީހަށް އެގޮތަށް ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރަކަށް ހުންނެވި އަދި ކިނބިދޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިޒު (ނާނު)އެވެ.
ނާނުގެ އެ ހުށަހެޅުން ފާސްވީ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 85 މެންބަރުންގެ ތެރެއިން 81 މެންބަރުންގެ ވޯޓުންނެވެ.
ނާނު ގައުމީ މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި ވިދާޅުވީ ސިޔާސީ ޕާޓީއަކާއި ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު އިއްތިހާދުވާން ފެނިއްޖެ ނަމަ އެފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވާލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ބާރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް ގައުމީ މަޖިލިސް އިގުރާރުވާ ކަމަށް ހުށަހަޅާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިފަދައިން ފާސްކުރިއިރު ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
"ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އަކީ އެމްޑީޕީއާ އަދި އެމްޑީޕީ އަށް ތާއީދު ކުރާ ބަޔަކާއެކު އެކުލަވާލެވޭ ސަރުކާރެއް އުފެދޭ ގޮތަށް އެކަން ކޮށްގެން. އަޅުގަނޑު މި އަންނަނީ އެކަން ހާމަ ކޮށްދެމުން،" ކެމްޕެއިނު ދަތުރުފުޅެއްގައި އައްޑޫ ސިޓީ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް އޭރު ވިދާޅުވިއެވެ.
ރައީސް ސޯލިހު 2018ވަނަ އަހަރުވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކާއި އެކުގައެވެ. އަދި އެމަނިކުފާނު ވަނީ ކޯލިޝަން ރޫޅާނުލާ ކޯލިޝަން ބައިބައި ނުކޮށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސްގެ ލަގަބު ހޯއްދަވައިފައެވެ.