ބާދަގަނޑުގެ ވިޔަފާރި ކުރުމަށް ހުޅުމާލެއިން ވަގުތީ ގޮތުން ބިން ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނީ ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާއި ކުރިޔަށް ގެންދިޔުމާއި ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑު ފަދަ ތަކެތި އުފެދި، އެތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތައް އާއްމުވެފައިވާ ކަމަށެވެ.
އެގޮތުން، އެ ވިޔަފާރި ކުރަމުން ގެންދާ ބައެއް ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާކަން އެ ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން، އެކަން ކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރުން އެފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ބިން ކުރު މުއްދަތަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެގޮތުން، ބިން ހޯދުމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދައާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި އެކޯޕަރޭޝަނަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް ބުންޏެވެ.
އެޗްޑީސީ އިން ބުނީ އެފަދައިން ބިން ދޫކުރުމުގެ އެއްމެ ބޮޑު މަގުސަދަކީ މިހާރު ގިނަ އަދަދަކަށް ވަގަށް ނަގާފައިވާ ދަގަނޑު ވިއްކުން އާއްމުވެ, ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރި ކުރަމުން ދާތީ އެކަން ހުއްޓުވައި އުސޫލެއްގެ ތެރެއިން ބާދަގަނޑުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މީގެ އިތުރުންވެސް އެގޮތަށް ބަހެއްޓިފައި ހުންނަ ދަގަނޑުތައް އަދި ވަޅުލެވިފައި ހުންނަ ކޭބަލްތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަތުމަކީ ވެސް އެގޮތަށް ބިން ދޫކުރުމުގެ އެއް ބޭނުން ކަމަށް އެޗްޑީސީ އިން ހާމަކުރެއެވެ.
އެ ކޯޕަރޭޝަނުން ބުނީ މިއަދުން ފެށިގެން އެފަދައިން އާންމުންނަށް އުނދަގޫ ވާނެހެން މަގާއި ދުވާރު ބަންދު ކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.