ރާއްޖޭގެ ދުޝްމަނު އެއްވެސް ގައުމެއް ނުހުންނާނެ ކަމަށާއި ތިބޭނީ ހުސް ރައްޓެހި ގައުމުތައް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނާއި ސްކޫލް އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު އެކި މޮޑިއުލްތަކަކަށް ބަހާލައިގެން ފޮރިން ސާވިސް އިންސްޓިޓިއުޓުގެ ފަރާތުން މިއަދު ފެށި ފޮސިމް އައުޓްރީޗް ޕްރޮގްރާމްގެ ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ފޮރިން ޕޮލިސީ އަކީ "ފޮރިން" އެއްޗަކަށް ވެގެންނުވާނެ ކަމަށެވެ. އެގޮތުން އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެ ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބާގައި ކަމަށެވެ. ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

https://twitter.com/abdulla_shahid/status/1625866396692545536?s=20&t=c4d4qlKgNRx0zDWzp79Gvg

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން. ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވާ އަދި އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ގައުމުތަކާއެކު ގުޅުން ބަދަހިކުރާނަން،" ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މި ވޭދުވެދިޔަ 57 އަހަރު ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އަރާ އެއްހަމައެއްގައި، ބަސްބުނާ ބަސްވިކޭ، އަދި އެ ގައުމުތަކުގެ އިހްތިރާމް ލިބިފައިވާ ގައުމެއްކަމަށް ރާއްޖެވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ޗެމްޕިއަނެއް ކަމަށާއި ތިމާވެއްޓާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖެއާ ނުލައި މަޝްވަރާނުކުރެވޭނެ ކަމަށެވެ.