އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމަށް، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާ އާއި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީއެވެ.
އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯއެވެ. އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ޑޮކްޓަރު އިބްރާހިމް ނާޝިދެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީޫ އެ ފަހުމުނާމާގެ ދަށުން ގުޅީފަޅުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއެއް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން، ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރްއޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި އަދި 1,450 ކިލޯވޯޓް ޕާ އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނެއެވެ.
އިއާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ އެ މަޝްރޫއު އަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރު ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ފަންޑް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެއް ކަމަށެވެ.
ދިވެހި ސަރުކާރުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ "ކާބަން ނެޓް ޒީރޯ އެމިޝަންސް" ކުރުމަށް އަމާޒު ހިފާފައިވާއިރު، އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ އެ މަޝްރޫއުގެ ސަބަބުން އެ ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ހިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަން ތަކުގައި އިއާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއިއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފުކޮށް އީޖާއީ ކުންފުންޏަކަށްވުން ކަމަށް އެކުންފުނިން ބުނެއެވެ.