ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) "ލިޓްލް ވަންޑާސް" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮގްރާމްއަކީ އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައި، އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެށިގެންދާ ޑެކެއާ އެސިސްޓެންޓް ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނިން ގަސްތުކުރަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.
މި ޕްރޮގްރާމަކީ އެ ކުންފުނީގެ މެނޭޖްމެންޓުން ނެގި ހާއްސަ އިސްނެގުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެ ކުންފުނީގެ ފަރާތުން މިއަދު އެ ޕްރޮގްރާމް ފައްޓަވައިދެއްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުއާއި، ޖެނެރަލް މެނޭޖަރު އޮފް ޕީޕަލްސް އޮޕޮރޭޝަންސް މަރިޔަމް ނުޒުލާއެވެ.
އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ. މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލާ، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެ ޕްރޮގްރާމްގައި އެސްޓީއޯ އިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500 ރުފިޔާ އާއި ހަމައަށް އެހީތެރިވެދޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
"އެސްޓީއޯގެ ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެގިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެގިސްޓްރީވުމުގެ އިހްތިޔާރު ދޫކޮއްލުމެވެ. އެއީ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް ބާރުއެޅުމުގެ އަމާޒުގައެވެ،" އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ ތަރައްގީކުރުމުގައި ދެޖިންސުގެ މީހުން ވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި އެގޮތުން، މަސައްކަތްކުރާ ބެލެނިވެރިންނަކީ ގައުމުގައި ޑިމޮގްރަފިކް ޓްރެންޑެއް އިތުރުވަމުންދާ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.