ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ހާސިލްކުރުމަށް 720 ލޯނުގެ ފުރުސަތު ހުޅުވައި، ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މި އަހަރުގެ ލޯނު ސްކީމް ހުޅުވާލާފައި ވަނީ އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށްފައި ކަމަށެވެ.

އެގޮތުން މިފަހަރުގެ ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަން ފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައި ނުވާ އެހެނިހެން ހަރަދުތައް ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާއި ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް މިފަހަރު ވަނީ ނިންމާފައެވެ.

އެ މިނިސްޓްރީން ބުނީ ޔުނިވާސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކުގައި ކިޔަވައިދޭނެ ލެކްޗަރާ އިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލް އަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވާނެ ކަމަށެވެ.

އެގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުސަތު މިފަހަރު ހުޅުވާލާފައިވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަހަރުގެ ލޯން ސްކީމް އިއުލާންކޮށްފައި ވަނީ ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާޖް 1 ޕަސެންޓަށް ކުޑަކުރުމަށްފަހުއެވެ. ލޯނަށް އެދި ފޯމް ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 1ވަނަ ދުވަހާއި ހަމައަށް ހުށަހަޅާ އެޕްލިކޭޝަން މިނިސްޓްރީން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ނަމަ، އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެ ކަމަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15ވަނަ ދުވަހުގެ މެންދުރު 13:30އެވެ.