ދައުލަތުގެ ބައެއް އޮފީސްތައް ކުލި ދީގެން ހިންގަމުން އަންނާތީ އެކަމަށް ދައުލަތުގެ ބަޖެޓަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އިތުރު އޮފީސް އިމާރާތްތަކެއް އެޅުމަށް ޕްލޭން ކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސަރުކާރު އޮފީސްގެ އާ އިމާރާތް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކުރެވުނު ސަރުކާރުގެ އޮފީސް އިމާރާތް ހުޅުވިފައި ވަނީ، އެފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ. ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ވަނީ މީގެ ކުރިން ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އައި ދެ އިމާރާތުގެ ތެރެއިން ހުރަވީ ބިލްޑިން ބާވެ، ބޭނުންނުކުރެވޭވަރު ވުމުން، އެތަން ތަޅާލައިފައި ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ގާޒީ ބިލްޑިން ވެސް ވަރަށް ބޮޑަށް ބާވެ، ބޭނުންނުކުރެވޭވަރު ވެފައިވާކަން ފާހަގަކުރެއްވިއެވެ.
"އެކަމުގެ ސަބަބުން، ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައި. އެކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން މިއަދު ވަނީ ޖެހިފައި. ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު. އޭގެފަހުން، ސަރުކާރުގެ ހިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެންދިޔައިރުވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރުވެސް ހޯދިފައެއް ނެތް. އޭގެ ސަބަބުން މި ދެންނެވިހެން، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހިފައި އޮތް ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފައި. އަދި މިހާރުވެސް އެކަމަށް ކުރަންޖެހޭ ޚަރަދު ދަނީ ބޮޑުވަމުން،" ރައީސް ވިދާޅުވިއެވެ.
އަލަށް އިމާރާތް ކުރެވުނު، އެ އިމާރާތުގެ އެންމެބޮޑު ބޭނުމަކީ، އެ ދަތިކަމަށް ހައްލެއް ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ، އަދިވެސް އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާކަން. އަޅުގަނޑުމެންގެ ޕްލޭންގައި އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް، ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން،" ރައީސް ވިދާޅުވިއެވެ.
މި އިމާރާތުގައި ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއެވެ.