ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެއްގެ މައްސަލަތަކެއް ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ތަހުގީގެއްގެ ތެރެއިން އެފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އޭގެތެރެއިން ފާހަގަކުރެވޭ މުހިއްމު ފަރާތްތަކަކާއި އަދި އެ ފަރާތްތަކެއްގެ މުއްސަނދިކަމާއި ގުޅުންހުރި މުހިއްމު ކަންތައްތަކެއް ބަލަމުން ގެންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަދި ސީދާ ޕްރޮސިކިއުޓު ކުރާ ހިސާބަކަށް ނުއެއް ގެންދެވޭ. އެހެންނަމަވެސް ވަރަށް ހަމަ ތަރޯ ތަހުގީގުތަކެއް ބައެއް އެފަދަ ފަރާތްތަކާއި މެދުގައި ހިންގަމުން އެބަ ގެންދޭ،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވަނީ ރައްޔިތުންގެ މަޖިލީހުން ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ފާސްކޮށް ދީފައި އޮތުމުން އެފަދަ މައްސަލަތައް ބެލުމަށް ތަހުގީގު އިދާރާތަކަށް ފަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.
[caption id="attachment_47715" align="alignnone" width="1280"] މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ --[/caption]
"އޭގެ ބައެއް ފަރާތްތަކަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ލަސްތަކެއް ނުވެ ފޮނުވޭނެ ކަމަށް،" އިމްްރާން ވިދާޅުވިއެވެ.
ނުހައްގު މުއްސަނދިކަން ހޯދުމަކީ ޖިނާއީ ކުށެކެވެ. އެގޮތުން ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އެމީހަކަށް ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް ނުވަތަ މުއްސަނދި ކަމެއް ގާއިމް ކުރުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތަށް ގެނެސްފައިވާ އެ އިސްލާހުގައިވެއެވެ.
އޭނާއަށް ލިބިފައިވާ މުއްސަނދި ކަމަކީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިން ހޯދާފައިވާ ނުވަތަ ލިބިފައިވާ މުއްސަނދި ކަމެއްކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ. މީގެއިތުރުން އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށާއި އެކަން ސާބިތު ކޮށް ނުދީފި ނަމަ އެ ކުރެވެނީ ގާނޫނީ ކުށެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ކުށް ކުރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނަމަ އެ ބޭފުޅަކު އެ ކުރައްވަނީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެ ކުށުގެ އަދަބަކީ އެންމެ ގިނަވަގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.