ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ މާލޭގެ އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އަޅާ ނިންމާލައިފިއެވެ.
އަމީނީ މަގުގެ މަސައްކަތް ހަވާލު ކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ޕީއާރް، އެސިސްޓެންޓް މެނޭޖަރު އަހުމަދު ފައިރޫޒް “ހަތާވީސް” އަށް މިއަދު ވިދާޅުވީ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އަޅާ މިހާރު ނިމިފައިވާ ކަމަށެވެ.
“ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތްވެސަ ދަނީ ކުރިޔަށް، މިހާރު ފެނާ ނަރުދަމާގެ މަސައްކަތް އަޕްގްރޭޑު ކުރުމުގެ އިތުރުން އެހެން މަސައްކަތްތައް ވެސް އެ ސެގްމަންޓުގައި ދަނީ ކުރިޔަށް،” އޭނާ ވިދާޅުވިއެވެ.
އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ޖާގައެއް ލިބިފައި ނުވާތީ، އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ މައްސަލާގައި ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ބައެއް ވާހަކަތައް ވެސް މީޑިއާގައި ފަތުރާފައިވެއެވެ.
ނަމަވެސް އެކަން ހިނގާފައިވާ ގޮތް ޕްލޭނިން މިނިސްޓްރީން ވެސް އަދި އާރްޑީސީ އިން ވެސް ވަނީ ސާފު ކޮށްދީފައެވެ.
އާރްޑީސީ އިން ބުނީ އެ ކުންފުންޏަށް ނުވެގެން، އެއްވެސް މަސައްކަތެއް އެއްވެސް ބަޔަކާ ޙަވާލު ކޮށްފައި ނުވާނެ ކަމަށެވެ.
މާލޭގެ އަމީނީމަގުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް އަދި މެޓީރިއަލްސް މުޅި މަގަށް ބޭނުންވާ ވަރަށް އާރްޑީސީގައި އެބަހުރި ކަމަށާއި ނަމަވެސް އެ ކުންފުނީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް ހައުސިން މިނިސްޓްރީން އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.