ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އެޕާޓީ އިން ވަކިވެ، މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

"ހަތާވީސް"އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ޑީއާރްޕީ އިން ވަކިވާން ޖެހުނީ އެޕާޓީއައިގެން ކުރިޔަށް ދާނެ އެއްވެސް މަގެއް ނެތުމުން ކަމަށެވެ. މިހާރުވެސް އެޕާޓީގެ ދަރަންޏާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ކޯޓުގައި ކުރިޔަށްދާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެޕާޓީން ވަކިވެ މުޅިން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ އުފެއްދުމުގެ ހުއްދަ ވެސް މިހާރު އިލެކްޝަންސް ކޮމިޝަނުން އޭނާ އަށް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުގެ މިވަގުތު ހުރިހާ މަސައްކަތެއް ވެސް ހުރީ އާ ޕާޓީއަށް މީހުން ހަމަ ކުރުމުގެ،" ޖާބިރު ވިދާޅުވިއެވެ.

[caption id="attachment_29870" align="alignnone" width="1024"] ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ---[/caption]

ޖާބިރު އަލަށް އުފައްދާ ޕާޓީ އަށް ކިޔުމަށް ނިންމާފައި ނަމަކީ ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް) އެވެ. ޖާބިރު ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރުމުގެ ވިސްނުން އޭނާ ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ.

ޑީއާރްޕީ އަކީ ރާއްޖޭގައި އެންމެ ދުވަސްވީ ޕާޓީތަކުގެ ތެރޭގައި ދެވަނަ އަށް ހިމެނޭ ޕާޓީއެކެވެ. އެޕާޓީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ. އެހެންނަމަވެސް އޭރު އެޕާޓީގެ ލީޑާޝިޕުގައި ޖެހުނު މައްސަލަތަކަކާއި ހުރެ ޕާޓީ ބައިބައިވެ ރައީސް މައުމޫން ޕީޕީއެމް އުފެއްދެވީއެވެ. އޭގެފަހުން އެޕާޓީ ހިންގަވަމުން ގެންދެވީ އަހްމަދު ތަސްމީން އަލީއެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ލީޑާޝިޕް އެއްކޮށް ކަހަލަ ގޮތަކަށް އެމްޑީޕީއާ ގުޅިވަޑައިގެން ފަހުން އެޕާޓީއާ ހަވާލުވީ މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ. ނަމަވެސް ފަހުން އޭނާ ވެސް އެޕާޓީން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އޭގެފަހުން އެޕާޓީގެ ލީޑަރަކަށް ހުންނެވީ ޖާބިރެވެ.