ރައްޔިތުންގެ މަޖިލީހަށް މިއަދު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕީޖީ އިން ތްރީލައިން ވިޕެއް ނެރެން ޖެހުނު ސަބަބު އެޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސާފު ކޮށްދެއްވައިފިއެވެ.

މި މަހުގެ ހަ ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު އަނބުރާ ފޮނުވާލުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުއްލި މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނެވެ.

އެހެންނަމަވެސް ތްރީލައިން ވިޕެއް ނެރެގެން ނެގި ވޯޓުން އެމްޑީޕީ މިއަދު ބަލިވިއެވެ. އެ މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް 16 މެމްބަރަކު މަޖިލީހުގައި ވޯޓު ދެއްވިއެވެ. ނަމަވެސް ނަޝީދަށް ތާއިދު ކުރާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ވޯޓާ އެކު އެ ބަހުސް ކުރިއަށް ގެންދިއުމަށް 24 މެމްބަރަކު ވޯޓު ދެއްވިއެވެ.

މައްސަލަ އަށް ބަހުސް ކުރައްވަމުން ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެންބަރުން ވަނީ އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް ތްރީލައިން ވިޕެއް އެމްޑީޕީގެ ޕީޖީ އިން ނެރުމުން ކަންބޮޑުވުންފާޅުކޮށް އެ ނިންމުމަށް ފާޑު ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވަނީ އެމްޑީޕީ ޕީޖީގައި ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި ޕީޖީ ލީޑަރަކަށް ހުންނެވި ނަމަވެސް އޭނާ ބޭނުންވާހާ ގޮތަކަށް ޕާލިމަންޓްރީ ގްރޫޕުގެ ކަންކަން ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭ ގޮތުން ޕާލިމަންޓްރީ ގްރޫޕުން އަމަލު ކޮށްފައި ވަނީ ޕާލިމަންޓްރީ ގްރޫޕްގެ ރުހުމަކާއި ނުލާ މެންބަރަކު ހުށަހަޅާ މައްސަލަތައް ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މިއަދު 10:30ގައި ވެސް ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއް އެބައޮތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް ބޭފުޅުން އެއްގޮތަކަށް ވެސް ބައްދަލުވުމަކަށް ވަޑައެއް ނުގަންނަވާ. އަދި އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތެއްގެ މަޝްވަރާއެއް ޕާލިމަންޓްރީ ގްރޫޕަކަށް ނުލިބޭ،" އަސްލަމް ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެ ކުރި މީހާ އަނބުރާ ފޮނުވާލީ “ވައިގެމަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު”ގެ ދަށުންނެވެ. ހަސަން ލަތީފް މިއަދު ކުއްލި މައްސަލަ ހުށަހެޅުއްވީ އެ ގަވާއިދު އިސްލާހު ކުރުމަށެވެ.