ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައަކަށް ބަހުސް ނުކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތުރީލައިންވިޕަކުން ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ކުއްލި މައްސަލަ ހުށަހެޅީ މި މަހުގެ ހަ ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު އަނބުރާ ފޮނުވާލުމުންނެވެ. ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ އަންހެނަކު އަނބުރާ ފޮނުވާލީ އޭނާ ރާއްޖެ އެތެރެ ކުރި 2.6 ކިލޯގެ ކޮކެއިން އަތުލައިގަތުމަށްފަހުއެވެ. އޭނާ އެތެރެ ކުރި މަސްތުވާތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް މޯލްޑިވްސް ކަސްޓަމްއިން ބުނެފައިވެއެވެ.
އެ މަސްތުވާތަކެތި އެތެރެ ކުރި މީހާ އަނބުރާ ފޮނުވާލީ "ވައިގެމަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުންނެވެ. އެ ގަވާއިދު އިސްލާހު ކުރުމަށް ގޮވާލައި މަޖިލީހަށް މިއަދު ކުއްލި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
އެ މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް 16 މެމްބަރަކު މަޖިލީހުގައި ވޯޓު ދެއްވިއެވެ. ނަމަވެސް ނަޝީދަށް ތާއިދު ކުރާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ވޯޓާ އެކު އެ ބަހުސް ކުރިއަށް ގެންދިއުމަށް 24 މެމްބަރަކު ވޯޓު ދެއްވިއެވެ.
[caption id="attachment_47640" align="alignnone" width="1140"] މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކުއްލި މައްސަލަ ހުށަހެޅުއްވީ ހަސަން ލަތީފު-- ފޮޓޯ/ މަޖިލިސް[/caption]
މައްސަލަ ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން "ރެޑް ޖެހުމަށް" (ތުރީލައިން) ވިޕްލައިން ނެރެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް ބޭނުންވާ ގިނަ މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވީތީ، އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.
އެ މައްސަލާގައި ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުން މިއަދު ފެނުނީ ތަފާތު މަންޒަރެއް ކަމަށާއި މިއަދު މަޖިލީހުން ފެނިގެން އެ ދިޔައީ ސަރުކާރަށް މަޖިލީހުގައި ސުޕް މެޖޯރިޓީ ނެތް މަންޒަރު ކަމަށެވެ.
"އެމްޑީޕީ ބައެއް މެމްބަރުންނާ އެކީގައި ސަރުކާރު ތެރެއިން ނުކުމެގެން ވެސް މިއަދު ގައުމުގައި ހުރި ބޮޑެތި މައްސަލަތައް މި މަޖިލީހަށް ގެންނަކަން އެއީ އަޅުގަނޑުމެން އުފާ ކުރަންޖެހޭ ކަމެއް،" އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު އުޅުނީ ގޯސްމައްޗަށް ގޯސް ހަދަން ކަމަށެވެ. "ރޯ ނުބައިކޮށް" ހަދާފައިވާ ގަވާއިދެއްގެ ދަށުން މަސްތުވާތަކެތި އެތެރެ ކުރި މީހަކު ފޮނުވާލުމާއި އެކަން ބަލައި، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމާ ދެކޮޅަށް މެމްބަރުން ވޯޓު ދިނުމުން ކަންބޮޑުވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"ގޯސް މައްޗަށް ގޯސް ހަދަމުން ހަދަމުން ގޮސް، ކިހާ ހިސާބަކަށް ގެންދާނަމޭ ބާވައޭ އަޅުގަނޑު ހިތަށް މި އަރަނީ. އަޅުގަނޑުމެން ދިވެހިރާއްޖެއަށް މިކިޔަނީ ދަ ރިޕަބްލިކް އޮފް މޯލްޑިވްސް. ދިސް އިސް ނޮޓް ދަ ބަނާނާ ރިޕަބްލިކް އޮފް މޯލްޑިވްސް،" ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވިދާޅުވިއެވެ.