އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ކޮންމެ 11 ދުވަހަކުން އެކުންފުނިން މަޝްރޫއުއެއް ނިންމަމުން އަންނަ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުމުގެ ގޮތުން މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ތަރައްގީގެ އެންމެ ހެޔޮ އަސަރު މުޅި ރާއްޖެ އަށް ފެތުރުއްވެވި ރައީސް ކަމަށެވެ. އެމްޓީސީސީ އަކީ މި ސަރުކާރުގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަމުން އަންނަ އަދި މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ ކުންފުނި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ފަސް އަހަރުގެ ތެރޭގައި 135 މަޝްރޫއުއެއް މިކުންފުނިން އެކަނި ނިންމާ ރައްޔިތުންނާއި ހަވާލުކޮށްފިން. މިހާރުވެސް އަޅުގަނޑުމެން މި ގެންދަނީ 130 މަޝްރޫއުގެ މަސައްކަތް ނިންމަމުން. މާނައަކީ ރައީސް... މި ސަރުކާރުގެ މުއްދަތުގެ ތެރޭގައި ކޮންމެ 11 ދުވަހަކުން ތަރައްގީގެ މަޝްރޫއެއް އަޅުގަނޑުމެން [އެމްޓީސީސީ] އެކަނި އެބަ ނިންމަން،" އާޒިމް ވިދާޅުވިއެވެ.
ޖަޒީރާވަންތަ ތަރައްގީގެ މިސާލު ރާއްޖޭގެ ކޮންމެ ރަށަކަށް ބަލާލި ނަމަވެސް ފެންނަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަންކަމުން ފެނިގެން ދަނީ ރައީސް ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދުތަކުގެ ތެދުކަން ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
"އެހާމަ ކޮށްދެނީ ރާއްޖޭގެ ތާރީހު ދުށް އެންމެ ބަރާބަރު ސަރުކާރަކީ މިއީކަން، ޝައްކު ނުކުރައްވާ،" އާޒިމް ވިދާޅުވިއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވައިދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ކުޑަގިރި ހުޅުވައި ދެއްވީ، އާންމުންނަށް ހުޅުވާލުމުން ބުކިން ހެއްދެވި މީހުންނާއި ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭފުޅުންނާ އެކުގައެވެ.
އެޗްޑީސީން ބުނީ އަންދަޒާ ކުރެވޭ ގޮތުން، މިއަދު ކުޑަގިރީގައި 600 ވުރެ، ގިނަ މީހުން އުޅޭނެ ކަމަށެވެ. ކުޑަގިރިއަކީ 8 ހެކްޓަރުގެ ބިމެކެވެ.
މާލެއިން ފުރައިގެން، ލޯންޗެއްގައި 15 މިނެޓުން ދެވޭ ކުޑަގިރިއަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުގޮސް، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކާ ސަރުކާރުން ތަރައްގީ ކުރި ރަށެކެވެ.