ކުޑަގިރި އަށް ދާ ހުރިހާ ފަރާތްތަތަކަކުން ވެސް އެރަށަކީ އެންމެންގެ ރަށަކަށް ހަދައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ވަނީ “ކުޑަގިރި ޕިކްނިކް އައިލެންޑް” ހުޅުވައިދެއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށަށް ދަތުރު އަންނަ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމުކޮށް އެރަށަކީ އެންމެންނަށް ހިތް ފަސޭހަ ކަމާއެކީގައި ހަމަޖެހިގެން ހޭދަ ކޮށްލެވޭނެ ރަށެއްގެ ގޮތުގައި ބެލެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އެރަށުގެ ސެކިއުރިޓީ އާއި އަދި ސާފުތާހިރު ކަމަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމް ކޮށްފައިވީ ނަމަވެސް އެރަށަކީ ސާފުތާހިރު ރަށަކަށް ހަދާ އަމާންކަމާއެކީގައި ދެމި އޮންނާނީ އެރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން ވެސް އަމިއްލަ ހައިސިއްޔަތުން އެ މަސައްކަތްތައް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަގިރި ރައީސް ހުޅުވައި ދެއްވީ، އާންމުންނަށް ހުޅުވާލުމުން ބުކިން ހެއްދެވި މީހުންނާއި ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭފުޅުންނާ އެކުގައެވެ.

އެޗްޑީސީން ބުނީ އަންދަޒާ ކުރެވޭ ގޮތުން، މިއަދު ކުޑަގިރީގައި 600 ވުރެ، ގިނަ މީހުން އުޅޭނެ ކަމަށެވެ. ކުޑަގިރިއަކީ 8 ހެކްޓަރުގެ ބިމެކެވެ.

މާލެއިން ފުރައިގެން، ލޯންޗެއްގައި 15 މިނެޓުން ދެވޭ ކުޑަގިރިއަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުގޮސް، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކާ ސަރުކާރުން ތަރައްގީ ކުރި ރަށެކެވެ.