ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތާރު މެޝިން ބަހައްޓާނެ ޖާގައެއް ލިބިފައި ނުވާތީ، އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ އާރްޑީސީންނެވެ. އާރްޑީސީގެ ޕީއާރް، އެސިސްޓެންޓް މެނޭޖަރު އަހުމަދު ފައިރޫޒް “ހަތާވީސް”އަށް މިރޭ ވިދާޅުވީ އެ ކުންފުންޏަށް ނުވެގެން، އެއްވެސް މަސައްކަތެއް އެއްވެސް ބަޔަކާ ޙަވާލު ކޮށްފައި ނުވާނެ ކަމަށެވެ.

މާލޭގެ އަމީނީމަގުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް އަދި މެޓީރިއަލްސް މުޅި މަގަށް ބޭނުންވާ ވަރަށް އާރްޑީސީގައި އެބަހުރި ކަމަށާއި ނަމަވެސް އެ ކުންފުނީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް ހައުސިން މިނިސްޓްރީން އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިން ހަމަޖެހުނުހާ އަވަހަކަށް އެ ކުންފުނީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

https://twitter.com/Akramkdeen/status/1624106834746544128?s=20&t=GoSnLp9qLobKTSv4GLp1pg

ނަމަވެސް އަމީނީމަގުގައި މިހާރު ނިމިފައިވާ ސެގްމެންޓުގައި އެމްޓީސީސީން ތާރު އަޅަމުންދާނެ ކަމަށާއި ސަބަބަކީ އެ ކުންފުނިން މިވަގުތު ގެންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ފައިރޫޒް ވެސް ވިދާޅުވީ ތާރު މެޝިން ބަހައްޓާނެ ބިމެއް ހައުސިން މިނިސްޓްރީން އެ ކުންފުންޏަށް ހަމަޖައްސާ ނުދެވި ގިނަ ދުވަސްތަކެއް ވެގެން ދިއުމާއި އަދި ރައްޔިތުންގެ ޝަކުވާއަށް ރިއާޔަތް ކުރުމަށް ފަހު މިވަގުތު ނިމިފައިވާ ސެގްމަންޓް ތަކުގައި އާރްޑީސީގެ ތަކެތީގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީ އަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"މިހެން މިކަން ކުރިއަށް ގެންދިއުމަށް ނިންމީ މިވަގުތަކީ އެމްޓީސީސީ އިން އެއާޕޯޓް ގައި ތާރުގެ މަސައްކަތް ކުރާ ވަގުތަކަށް ވެފައި މަސައްކަތް އަވަހަށް ނިންމުމަށް އެމްޓީސީސީ ލައްވާ ތާރު އެޅުމުގެ ފައިދާ ރައްޔިތުންނާއި އާރްޑީސީ އަށް ވެސް ބޮޑުވާނެ. ނަމަވެސް ބިމުގެ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް އާރްޑީސީ އިން ބާކީ ހުރި ސެގްމަންޓް ތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ،" ފައިރޫޒް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.

މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.