ވެހިކަލް ޕާކު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން އެ ކޯޕަރޭޝަނުން ދަނީ ސްމާޓް ޕާކިން ހުޅުމާލޭގައި ތައާރަފު ކުރުމަށް ތައްޔާރު ވަމުންނެވެ. ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައުމަކީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ މި ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި އެބަ ކުރިއަށް ދެއެވެ.
ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ހުންނާނެއެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ އެ ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެއެވެ. އަދި ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެއެވެ.
މީގެ އިތުރުން، ހަމަ އެކަނި ކާރު ޕާކިން އަށް ކަނޑައެޅިފައިވާ އެ ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
ޕާކު ކުރުމުގެ ކަންކަން ލުއި ފަސޭހަ ކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ އެ އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް އެ އެޕް ގެ ޒަރީއާއިން ފެންނާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.