ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ "ޕްލެޓްފޯމަކަށް" ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަދާފައިވާ ކަަމަށާއި އެއީ ހަރާންކޯރުވުމުގައި ވެސް ބޮޑުވަރު ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ގަފޫރުގެ ވާހަކަތަކާ ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާ ހޫނުވެ، ދެ މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވެސް ނެރުނެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވަނިކޮށް، އެމްޑީޕީގެ ގިނަ މެމްބަރުންގެ ބަހުގެ ހަމަލާތަކެއް އޭނާއަށް އަމާޒުވިއެވެ. ސަބަބަކީ ރިޔާސަތުން އަމަލު ކުރަމުންދާ ގޮތާމެދު ގަފޫރު ފާޑުކިޔަން ފެށުމުން، އެކަން ހުއްޓުވަން ރިޔާސަތުން މަސައްކަތް ކުރުމުންނެވެ. އެ މައްސަލަ ބޮޑުވެ، ނަން އިއްވައި ޖަލްސާއިން ނެރުނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ.

ގަފޫރު މަޖިލީހުގައި ދެއްކި ވާހަކަ:

https://twitter.com/hathavees/status/1623243810179530753?s=20&t=-cKwTU-HqfTg8XbPLovZeQ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ މަޖިލީހުގެ ރިޔާސަތަކީ ގޭމް ކުޅެން އޮތް، "ރާޒުވާ ބޯޑަކަށް" ހައްދައިގެން އުޅޭ ކަމަށެވެ. ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ "ޕްލެޓްފޯމަކަށް" މަޖިލިސް ހަދައިގެން އުޅެނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސަތު ބަލަހައްޓަވާ ބޭފުޅުން ކަމަށް ގަފޫރު ވިދާޅުވިއެވެ.

"މި މަޖިލީހަކީ ތިބޭފުޅުން ގޭމް ކުޅެން އޮތް، ރާޒުވާ ބޯޑެއް ކަމަށް ހައްދަވައިގެން ތި އުޅުއްވަނީ. އެއީކީ އެކަން ކުރަންޖެހޭނެ ގޮތެއް ނޫން،" ރިޔާސަތަށް އިޝާރާތްކޮށް މަޖިލީހުގައި 15 އަހަރު ހޭދަކުރައްވަމުން ގެންދަވާ ގަފޫރު ވިދާޅުވިއެވެ.

ވަކި ބަޔަކު މަޖިލީހުގައި ހަޅޭލެވުމުން ރިޔާސަތަށް އެކަން "އޯކޭ"ވާ ކަމަށާއި ނަމަވެސް "އަޅުގަނޑުމެންގެ މީހަކު" އެއްޗެކޭ ބުނެފިނަމަ ރިޔާސަށް އެކަން ގޯސްވާ ކަމަށް ވެސް ގަފޫރު ވިދާޅުވިއެވެ.

"ހަރާން ކޯރުވާން ވެސް ތިވަރު ތަންކޮޅެއް ބޮޑު. އަޅުގަނޑުމެންގެ އަތުގައި އޮތް މެޖޯރިޓީއެއްގައި ތި ގޮނޑިއަށް އަރާ ތި ތިބެނީ ތިބޭފުޅުން. ތިބެގެން ތި ހުރިހާ ހަޑިމުޑުދާރު އަމަލުތައް މިތާ ހިންގަނީ،" ގަފޫރު ވިދާޅުވިއެވެ.