ނަފްސާނީ ފަރުވާ ހޯދުމަށްޓަކާ ވޭތުވެދިޔަ ހަތަރު އަހަރު 60،000 މީހުން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ނަފްސާނީ ސިއްހަތާ ގުޅޭ ރަނގަޅު ސިޔާސަތެއް ސަރުކާރުގައި ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަފްސާނީ ސިއްހަތާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރަކަށް ބަހުސް ކުރައްވަމުންނެވެ.

ނިމިދިޔަ ސަރުކާރުގައި ހެލްތު މިނިސްޓްރީ ވެސް ހިންގެވުމާ ހަވާލުވި ނާޒިމް ވިދާޅުވީ ނަފްސާނީ ފަރުވާ އެންމެ އެކަށީގެންވާ ގޮތެއްގައި ރާއްޖެއިން ނުލިބޭ ކަމަށާއި "އެފޯޑަބަލް" ގޮތެއްގައި އެކަން ކުރެވޭތަން ނުފެންނަ ކަމަށެވެ. ނަފްސާނީ މައްސަލައަކީ ރާއްޖޭގެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށާއި ރާއްޖޭގައި ހަތަރު މީހުންގެ ތެރެއިން އެކަކަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއްކަން ތަފާސްހިސާބުން ދައްކާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު 60،000 މީހުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މި ބަލިމަޑުކަމަށް ބޭސްކުރަމުންދިޔަތަން. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އަދިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ކިއު ޖައްސައިގެން މި ފަރުވާ ހޯދުމަށްޓަކާ މަސައްކަތް ކުރަމުންދާ މަންޒަރު...2019 ވަނަ އަހަރުން ފެށީގެން މިހާތަނަށް ބަލާލާއިރުގައި 7،246 މީހަކަށް ފަރުވާ ދެވުނުއިރު، އަދިވެސް އިތުރަށް ފަރުވާ ހޯދުމަށް ބަޔަކު ކިއު ޖެހިފައި ތިބިތަން،" ނާޒިމް ވިދާޅުވިއެވެ.

ނަފްސާނީ ފަރުވާ ހޯދުމަށް ކުރަންޖެހޭ މަސައްކަތުގައި ރައްޔިތުން ބިކަވެފައިވާ ކަމަށް ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ މިކަމުގައި ރަނގަޅު ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ވިދޅާުވީ ފަރުވާ ދިނުމުގައި ނަފްސާނީ ބަލި މީހުންނާއި މަސްތުވާތަކެއްޗަށް ފަރުވާ ދޭންޖެހޭ މީހުން އެނގެންޖެހޭނެ ކަމަށެވެ. އެ ބައްޔަށް ފަރުވާ ހޯދުމަށް ކުއްލި ހައްލެއް ގޮތުން ސަރުކާރުން ކަމާބެހޭ ސެންޓަރެއް މަސައްކަތް ކުރާތަން ފެންނަ ކަމަށާއި ނަމަވެސް ދާއިމީ ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ކަމަކީ ރާއްޖޭގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްގެ ގޮތުގައި. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކާ މަސައްކަތް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. އަދި ހާއްސަ ގޮތެއްގައި މޯލްޑިވްސް ނެޝަނަލް ޕާޓީ [އެމްއެންޕީ] ގަބޫލުކުރަނީ މިކަމަށް ސަރުކާރުން އެކަށީގެންވާ ސިޔާސަތެއް އޮވެގެން މަސައްކަތް ކުރަމުން ނުދާކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" ނާޒިމް ވިދާޅުވިއެވެ.

ނަފްސާނީ މައްސަލަތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިންޕޭޝަންޓް ކެއަރ ޔުނިޓެއް ގާއިމު ކުރެވިފައި ނެތް ކަމަށާއި ދާއިމީ ފަރުވާ ދިނުމަށް ޑޮކްޓަރެއް ވެސް އެތަނުގައި ނެތް ކަމަށެވެ.

"މިތަނަށް ބަލާލާއިރު ވެސް އެންމެ އެކަށީގެންވާ ގޮތުގައި މިތަނުގައި ފަރުވާ ނުދެމުންދާ މައްސަލައަކީ ވެސް ތަކުރާރުކޮށް އިވޭ މައްސަލައެއް، އިއްޔެއާ ހަމައަށް ބަލާލިއިރުގައި ވެސް އެތަނުގައި އަދިވެސް އިންޕޭޝަންޓް ކެއަރ ޔުނިޓެއް ގާއިމު ކުރެވިފައި ނެތް. ޑޮކްޓަރެއް، ދާއިމީ ފަރުވާ ދިނުމަށް އެތަނުގައި ނެތް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ނަފްސާނީ ޝިކާޔަތު ކުރިމަތިވެފައިވާ މީހުންނަށް ލުއި ގޮތްތަކެއް ހޯއްދަވައި ފަރުވާ ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނާޒިމް އެގޮތަށް ވިދާޅުވިއިރު، ގައުމީ ސިޔާސަތުގެ ތެރޭގައި ނަފްސާނީ ބައްޔަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނީ މި ސަރުކާރުންނެވެ. އަދި ނަފްސާނިީ ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ވެސް ހުޅުވީ ވެސް މި ސަރުކާރުންނެވެ. އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ އެފަދަ ސެންޓަރުތައް ހުޅުވާފައެވެ.

ނަފްސާނީ ބައްޔަށް އާސަންދައިން ފަރުވާ ކުރެވޭނެ ނިޒާމު ވެސް ހަމަޖައްސައިދިނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުންނެވެ.