ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު އޮތް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި އެއީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވިއިރު އިދިކޮޅު މަޖިލިސް މެންބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކުރިއެވެ. އަދި ބައެއް މެންބަރުންގެ ނަން އިއްވާ މަޖިލިސް ތަޅުމުން ބޭރުކުރިއެވެ.

[caption id="attachment_47383" align="alignnone" width="1600"] އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ލީޑު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަދައްކަވަނީ -[/caption]

ރިޔާސީ ބަޔާނާއި ގުޅިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވި ނަމަވެސް އެމަނިކުފާނަކީ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ ބަޔާން އިއްވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދައުވާ ކުރާ ބޭފުޅެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ނާއިބު ރައީސް ފައިސަލް ނަސީމް ކަމަށެވެ.

“ގާނޫނުއަސާސީގައި ބުނާ ހުވާ ކުރައްވައިގެން މިއަދުގެ ނާއިބު ރައީސް އެ ހުންނެވީ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވި ކަމެއް ދިވެހި ރައްޔިތުންނަށް އެނގިފައެއް ނެތް،” ޝިޔާމް ވިދާޅުވިއެވެ.

[caption id="attachment_47384" align="alignnone" width="1600"] އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު ސަލީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -[/caption]

ގާނޫނުއަސާސީގައި ބަޔާން ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވަން ޖެހޭނެ ކަމަށާއި މިއަދު ރިޔާސީ ބަޔާން އިއްވީ ކުރީގެ ރައީސް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މީގެކުރިން އިއްވި ހުރިހާ ރިޔާސީ ބަޔާނަކަށް މައިނޯރިޓީ ޕާޓީގެ ހައިސިއްޔަތުން ޕީޕީއެމް އިން ޖަވާބުދާރީވެފައިވާ ކަމަށެވެ.

އެހެންނަމަވެސް މިފަހަރު ރިޔާސީ ބަޔާން އިއްވެވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަލީމް ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަހަރުގެ ބަޔާނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަަށް ގަބޫލު ނުކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވި ވަގުތު އިދިކޮޅުން މާލޭގައި މުޒާހަރާ ކުރިއެވެ. އަދި އެ މުޒާހަރާ އިން 17 މީހުން ހައްޔަރުކުރިއެވެ.