"ބޭނުންވަނީ އެންމެން އެކީ އެކަމަށް އާނބަސް ބުނެ އަތުގުޅާލުން،" ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިއްވި އެމަނިކުފާނުގެ ފަހު ރިޔާސީ ބަޔާން ނިންމާލައްވަމުން ވިދާޅުވިއެވެ.
އެހެން ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. "ޝައްކެއްވެސް ނެތި އެ ދުވަސް ވާނީ، ދުވަހަކު ދިވެހިން ނުދެކޭނެ ފަދަ އުފާވެރި، އެހެންނަމަވެސް ދާދި ގާތުގައިވާ މާދަމާއަކަށް،" ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ ކުދިބޮޑު ފުށި ފުއްޓަރާ، މާރަށްތަކުން ގަތާލެވިފައިވާ ދުނިޔޭގެ ޒީނަތެއް ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ނިސްބަތްވާ ކޮންމެ ރައްޔިތަކަށްމެ ހައްގުވާ، ހަމަޖެހުމާ މަސަލަސްކަން މީގެ ކޮންމެ ރަށަކަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އާއިލާއާއެކު ދިރިއުޅުން ވޭތުކުރާނެ ގޮތެއް، ކޮންމެ މީހަކަށްވެސް އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމަހަމަކަމާ އަމާންކަމާ އޮމާން ދިރިއުޅުމަކަށް ދިވެހި ދިރިއުޅުންވާން ޖެހޭ. އުތުރާ ދެކުނަށް – އިރާހުޅަނގަށް މިރާއްޖެ އެކީ އެކަށް ހަމަޖެހުމުގެ މޯޅިއަށް ދެމިލެވެންޖެހޭ. އެ ދިރިއުޅުމަށް މި ރައްޔިތުން ގޮވައިގެން ދިއުމުގެ ޒިންމާ މިއަދު އޮތީ އަޅުގަނޑުމެންގެ ކޮނޑުގައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދާމަގުން ކުރިއަށް ގޮސް އެކަށައެޅިފައިވާ ކަންކަން ފަށައި ފެށިފައިވާ ކަންކަން ނިންމުމަށް މިއީ އަދުގެ ޖީލަށް ލިބިފައި އޮތް ބޮޑު ފުރުސަތެއް ކަމަށެވެ. މުޅިރާއްޖޭގެ އިގްތިސޯދު ހަށިފޮޅާލާ ރަށްތަކާ ރަށްވެހީންނަށް ތަނަވަސްކަމާ ބާއްޖަވެރިކަން އޮހިގެންދާނެ މަގު، މިއަދު ކޮށާ އަލިވަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު މިއަހަރު ހަމަވެގެންދާއިރު ކޯލިޝަން ޕާޓީތައް އަދިވެސް އޮތީ ސަރުކާރުގައެވެ. އެހެންކަމުން ރައީސް ސޯލިހަކީ ގިނަ ޕާޓީތަކާއެކު ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ފުރަތަމަ ވެރިއަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާ ރައީސް ސޯލިހަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާއި ދެކޮޅަށް ނިކުންނެވުމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ނުކުންނެވީ ރައީސާ ދެކޮޅަށެވެ. ނަޝީދާއެކު ވާދަކޮށްގެން ޕްރައިމަރީ ކާމިޔާބު ކުރައްވާ ރައީސް ސޯލިހު ވަނީ ނަޝީދާއި ދެމެދު އެމަނިކުފާނު ގެންގުޅުއްވި ވާދަވެރިކަން މިހާރު ނިމިފައިވާކަން ފާހަގަކުރައްވާފައެވެ.
"ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ ވާދަވެރިކަން ނިމުނިއްޔޭ. އެކަން ނިމުނިއްޔޭ. ދެން ނުކުންނަންވީ އެކތިގަނޑެއް ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑިޕީ އަށް ކާމިޔާބުކުރަން،” ޕްރައިމަރީ ކާމިޔާބު ކުރައްވާ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ނަޝީދާ ވާހަކަ ދައްކަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.