މާލެ ސަރަހައްދުން ގޯތި ދިނުމަށް މީގެކުރިން ސަރުކާރުން ނިންމި އަދަދު އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމާ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރު ވެގެންދާނެ ކަމަށެވެ. އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ، ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅިއިރު ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އެ އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސްކުރަމުންނެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށެވެ.
"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް އަލަށް އިތުރު ކުރި ގޯތީގެ އަދަދެއް ރައީސް ހާމައެއް ނުކުރައްވައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިން ލޯނު ކަމަށެވެ. ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނުއިރު އޭގެ 55 އިންސައްތަ ލޯނު މިހާރު ވަނީ އެޕްރޫވް ކުރެވިފައެވެ. އަދި 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަތޮޅުތެރޭގައި އިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިން ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އިތުރު 2200 ހައުސިން ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ހިނގަމުން އަންނަ ކަމަށެވެ.