އަންނަ މެއި މަހުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ދެންނެވި ގޮތަށް ތައުލީމީ ދާއިރާގެ ޕޭހާމަނައިޒް ކުރައްވާފައިވާ ކަމަށެވެ. މިއަދު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިޔަށް އޮތީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ. އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ އަންނަ މާޗު މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށްވެސް އެ ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

"ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސައްކަތާ ދިރިއުޅުމުގެ މާހައުލުގައި ގާނޫނުގެ ރައްކާތެރިކަމާ ހިމާޔަތް އޮންނަން ޖެހޭނެ ކަމަށެވެ. އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލް، ސަރުކާރުން މަޖިލިހަށް ފޮނުވާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.