އާންުމުކޮށް އިންޓަޕޯލުން މީހުން ހޯދަން އިއުލާންކުރަނީ މަކަރާއި، ހީލަތް އަދި ބޮޑެތި ކުށްތަކުގެ ތުހުމަތުގައެވެ. އެކަމަކު ދާދި ފަހުން އިންޓަޕޯލުން މީހަކު ހޯދަން އިއުލާންކުރި މުޅިން ވެސް ތަފާތު ކުށެއްގައެވެ. އިންޓަޕޯލުން ހޯދަމުންދަނީ ޓިއުޝަން ސެންޓަރެއް ހިންގާ މީހެކެވެ.
އުމުރުން 57 އަހަރުގެ ސިންގަޕޫރަށް ނިސްބަތްވާ ޕޮހް ޔުއާން ހޯދަން އިއުލާންކުރީ ޖީސީއޯލެވެލް އިމްތިހާނުގައި ދަރިވަރުންނަށް މަކަރު ހަދަން އެހީވެ ދިންކަމުގެ ކުށުގައެވެ. މި ސްކޭމް ހިންގި ކަމުގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާން ޕޮހްއަށް ސިންގަޕޫރް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އޭނާ ފުލުސް އޮފީހަށް ހާޒިރެއް ނުވެއެވެ. އަދި ގައުމު ދޫކޮށް ފިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕޮހް ހިމެނޭ ހަތަރު މީހަކު ވަނީ އިމްތިހާނު ކުރިއަށް ދިޔަ ވަގުތު ބޮޑީކެމެރާ އިއާފޯން އަދި ބްލޫޓޫތު ޑިވައިސްގެ އެހީގައި ސުވާލުތަކުގެ ޖަވާބު ދަރިވަރުންނަށް ކިޔައިދީފައެވެ.
އަމިއްލަ ޓިއުޝަން ސެންޓަރުތަކަކީ ސިންގަޕޫރުގައި ވަރަށް ބޮޑު ވިޔަފާރިއެކެވެ. އެ ސެންޓަރުތަކަަށް ކޮންމެ ދަރިވަރަކު މަހަކު 1500 އެއްހާ ޑޮލަރު ހޭދަކުރެެއެވެ. ކޯޓުގެ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުންނަމަ އުމުރުން 17 އަހަރާއި 20 އަހަރުގެ ހަ ދަރިވަރަކަށް ޓިއުޝަން ނަގައިދޭން ޕޮހްގެ ޓިއުޝަން ސެންޓަރަށް ޗައިނާ މީހަކު 18 ހާހެއްހާ ޑޮލަރު ދެއްކިއެވެ. އެ ފައިސާ ދެއްކީ ޖީސީއީ އޯލެވެލް އިމްތިހާނުން އެ ދަރިވަރުން ފާސްކޮށްދިނުމަށެވެ. ދަރިވަރުން އިމްތިހާނުން ފާސް ނުވިނަމަ އެ ފައިސާ މުޅިން އަނބުރާ ލިބެނޭއެވެ.
ދަރިވަރުން އިމްތިހާނު ހޯލަށް ވަނުމުގެ ކުރިން ޕޮހްއާ އޭނާ ބައިވެރިން ވަނީ އެ ދަރިވަރުންގެ ހަށިގަނޑުގައި ޑިވައިސްއެއް ހަރުކޮށްފައެވެ. އެ ޑިވައިސް ހަރުކުރީ ލައިގެން ހުރި ހެދުމުގެ ތެރޭގައެވެ. އަދި އެ ދަރިވަރުން ތިބި އެ މީހުންގެ ކަންފަތުގައި ހަމުގެ ކުލައިގެ ހެޑް ފޯނެއް ޖައިގެންނެވެ. އެއަށް ފަހު އިމްތިހާނުގައި ޕޮހްގެ ފަރާތުން ބައިވެރިވި މީހަކު ގެންދިޔައީ ފޭސް ޓައިމް މެދުވެރިކޮށް އިމްތިހާނުގެ ސުވާލު ޕޭޕަރުތައް ފޮނުވަމުންނެވެ. ޕޮހް ގެންދިޔައީ ސުވާލުގެ ޖަވާބުތައް ހެޑްފޯން މެދުވެރިކޮށް ދަރިވަރުންނަށް ކިޔައިދެމުންނެވެ. އެކަން ފަޅާއެރީ އިމްތިހާނުގެ އިންވިޖިލޭޓާއަށެވެ.
2020 ވަނަ އަހަރު ނިމުނު އަހަރެއްހާ ދުވަހުގެ ޝަރީއަތަށް ފަހު ޕޮހްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ 27 ދައުވާއެއް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ "މަކަރާއި ހީލަތް ހެދުމަށް ހިތްވަރު ދިނުމުގެ" ދައުވާއެވެ.
އިންޓަޕޯލް އިން ނޯޓިސް އަށް އެދުނު ސިންގަޕޫރު ގެ ފުލުހުން ބުނީ ޕޮހްގެ ޖަލު ހުކުމް އަންނަ ސެޕްޓެމްބަރު މަހު ފަށަން ހަމަޖެހިފައި ވީ ނަމަވެސް އޭނާ ފުލުހުންނާ ހަވާލުވެފައިނުވާ ކަމަށެވެ. ފުލުހުން ބުނީ އޭނާގެ ތިން ބައިވެރިން ވެސް މިހާރު ގެންދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުން ކަމަށެވެ.
އިންޓަޕޯލް އިން ބުނީ ރެޑް ނޯޓިސްގެ ދަށުން މީހުން ހޯދުމަށާއި ހައްޔަރު ކުރުމަށް ދުނިޔޭގެ ގާނޫނު ތަންފީޒުކުރާ ޔުނިޓްތަކުން އެދޭނެ ކަމަށެވެ.
ސިންގަޕޫރުގެ ސަރުކާރުން މިފަހަކަށް އައިސް ވަނީ ރަނގަޅު ގްރޭޑްތަކެއް ހާސިލްކުރުމަށް ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިދާނެ ދަރިވަރުންގެ ނަފްސާނީ ބުރަ އަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ގިނަ އިސްލާހުތަކެއް ގެނެސްފައެވެ.
ޖީސީއީ އޯލެވެލް އިމްތިހާނަކީ ވަކިން ހާއްސަކޮށް ސްޓްރެސް ބޮޑު ވަގުތަކަށް ވެދާނެ ކަމަށާއި އެއީ ދަރިވަރެއްގެ މުޅި ހައި ސްކޫލް ޕާފޯމަންސް ކަނޑައަޅައި، ކޮން ލޯކަލް ކޮލެޖަކަށް ނުވަތަ ވޮކޭޝަނަލް އިންސްޓިޓިއުޓަކަށް ދެވޭނެ އިމްތިހާނެއްތޯ ކަނޑައެޅޭތީ އެވެ.
ޖީސީއީ އިމްތިހާނަކީ އާންމުގޮތެއްގައި 16 އަހަރާއި 17 އަހަރުން ދަށުގެ ދަރިވަރުން ހަދާ އިމްތިހާނެކެވެ. އަމިއްލަ ފަރާތްތަކަށް ވެސް އެ އިމްތިހާނުގެ ފުރުސަތު ހުޅުވާލާފައިެވެ. އަންދާޒާތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 30،000 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެއެވެ.