މިއަހަރުގެ ރައްޔިތުން މަޖިލިސް މާދަމާ ހުޅުވާއިރު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ލިސްޓު ބަންޑާރަ ނާއިބުގެ އޮފީހުން އާއްމުކޮށްފިއެވެ.

އެގޮތުން ޖުމްލަ 23 ބިލެއް މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ސަރުކާރުން ހުށަހެޅުމަށް ވަނީ ގަސްދު ކޮށްފައެވެ. މީގެތެރެއިން ހަ ބިލަކީ މުޅިން އަލަށް ހުށަހަޅާ ބިލުތަކެކެވެ. ދެން ހުރި ބިލުތަކަކީ ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކެކެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ އެންމެ ކުރީގައި އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ބިލެވެ. ބެލެވޭ ގޮތުގައި މިއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށްޓަކައި ހުށަހަޅާ ބިލެކެވެ. މި ބިލުގެ އިތުރުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށްވެސް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުށަހަޅައެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަނީ ވެސް، ޖޭއެސްސީ އިސްލާހު ކުރުމަށް ކަމަށް ބެލެވެއެވެ. ގާނޫނޫއަސާސީއަށް ހުށަހަޅާ އިސްލާހުތަކުގެ ތަފްސީލެއް އޭޖީއަކުން އަދި ހާމައެއް ނުކުރެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖައާކޮށް، ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ފަށައިފައެވެ.

https://twitter.com/AGOmv/status/1622173222224658432?s=20&t=baTOck519gGR2P3F_B4pfQ

އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެމްޑީޕީ އިން ގެންގުޅުނު "އެޖެންޑާ19" ގެ ވެސް ޖޭއެސްސީ އިސްލާހު ކުރުމަކީ ވައުދެކެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް:
- މަޖިލީހުގެ ރައީސް

- މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް

- އާއްމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއް

- ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއް

- ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް

- ދައުލަތުގެ ބަންޑާރަ ނާއިބު

- ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް

- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް [އުއްތަމަ ފަނޑިޔާރު ފިޔަވާ]

- ހައިކޯޓު ފަނޑިޔާރެއް

- ދަށު ކޯޓުތަކުން އެއް ފަނޑިޔާރު

މިހާރު އެކުލެވިފައިވާ ގޮތުގެ ސަބަބުން ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ޖޭއެސްސީ އަށް ފޯރާ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގިނަ ބަޔަކު ބޭނުންވަނީ ސަރުކާރަށް ނުފޫޒު ނުފޯރުވޭ ގޮތަށެވެ.

މިއަހަރުގެ ފުރަތަމަ ދައުރު މަޖިލީހަށް އަލަށް ހުށަހަޅާ ބިލުތައް:
- ހައްޖާއި އުމްރާގެ ބިލު

- އިސް ރަށްވެހިންގެ ބިލު

- ފޮރިން އިންވެސްޓްމަންޓުގެ ބިލު

- އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު

- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު

- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ބިލު