މިދިޔަ ސީޒަންތަކުގައި އީގަލްސްއަށް އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ޝިފާއު (ކުރޯ) އާއި ހަސަން ރާއިފް (ހަންނަ) މާޒިޔާއަށް ސޮއިކޮށްފިއެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ޓީމު ވަރުގަދަ ކުރަން ފަށާފައިވާ އިރު، އެ ޓީމުން މިހާތަނަށް ވަނީ ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އައުކޮށްފައެވެ. މާޒިޔާ އިން ކޮންޓްރެކްޓް އާ ކުރި ކުޅުންތެރިންނަށް ބަލާއިރު، ހަމްޒާ މުހައްމަދު، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެ އެވެ.
މީގެ އިތުރުން މިއަދު ވަނީ އައު ދެކުޅުންތެރިންގެ ސޮއި ވެސް ހޯދައިފައެވެ. އެއީ މާޒިޔާއަށް މިދިޔަ ސީޒަންތަކުގައި އެންމެ ބޮޑު ވާދައެއް ކުރި އީގަލްސްގެ ކުރޯއާއި ހަންނައެވެ. މާޒިޔާއިން ބުނީ މި ދެކުޅުންތެރިންގެ އެއްބަސްވުން ކުރިއަށް އޮތް ތިން އަހަރަށް ދެމިގެންދާނެ ކަމަށެވެ.
ކްލަބް އީގަލްސްއާ 2015 އަހަރު ގުޅުމަށް ފަހު 2016 ވަނަ އަހަރުން ފެށިގެން އެ ޓީމަށް ކުޅެމުން އަންނަ ހަންނަ އަކީ އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، ވެސް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހަންނަ އަންނަނީ މިފަހަކަށް އައިސް ހިމެނި، ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުންނެވެ.
އީގަލްސްގެ ކެޕްޓަންކަން ކުރަމުން އައި ކުރޯ މާޒިޔާއާ ގުޅުނު އިރު، ކުރޯ އަށް އީގަލްސްގައި އެންމެ ރަނގަޅަށް ފުރުސަތު ލިބެން ފެށީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެފަ އެވެ. އޭގެ ފަހުން އޭނާ އަކީ ގަވާއިދުން އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އައި ކުޅުންތެރިޔެކެވެ. އަދި އީގަލްސް އިން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ތަފާތު ދެއްކި އެވެ.
އޭގެ ކުރިން ކުރޯގެ ކެޕްޓަންކަމުގެ ދަށުގައި އީގަލްސް އިން ވަނީ ދެ ފަހަރެއްގެ މަތިން ޔޫތު ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
އަންނަ މަހުގެ ފަހުކޮޅު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މާޒިޔާ އަކީ އެންމެ ފަހުން ތިން ފަހަރު ވެސް ރާއްޖޭގެ ލީގު ޗެމްޕިއަނެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އިން ވަނީ ތިން ވަނަ ފަހަރަށް އެފްއޭ ކަޕް ތަށި ވެސް އުފުލާލައިފަ އެވެ.