ޒާމާނީ އާ ބަދަލުތަކާ އެކު، އޮލިންޕަސް އަލުން މިރޭ ހުޅުވައިފިއެވެ.

ސަރުކާރުން ބުނީ އޮލިންޕަހަށް އަލަށް ގެނެވުނު ބަދަލުތަކާ އެކު، ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތަށް ބަދަލުތައް ގެނެސްފައި ވުމާއި މިއުޒިކާއި ނެށުމަށް ޚާއްޞަ ޕްރެކްޓިސް ރޫމް ތަރައްޤީ ކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭ ގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށްފައެވެ.

އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށް މިރޭ ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

https://twitter.com/presidencymv/status/1621920805323145216?s=20&t=fXAUdvIjBuPyGJWR_lSgrw

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ވަޒީރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެކިބާވަތުގެ ހުނަރާއި ފުނަރުވެރިކަން ހުރި ޒުވާނުންނަށް ކުރިއަރާ ދިޔުމުގެ ހުރިހާ މަގެއް ހުޅުވާލައިދީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް"ގެ ގްރާންޓުގެ ދަށުންނެވެ. އޮލިމްޕަސް އަލުން ހުޅުވާފައި މި ވަނީ އެތަން އިތުރަށް ތަރައްޤީކޮށް ޒަމާނީ އެތައް ބަދަލުތަކަކާއެކުގައެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.