ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕުގައި މިފަހަރުވެސް ދިވެހި ރާއްޖެ ބައިވެރިނުވެ ދޫކޮށްލައިފިއެވެ.

އިއްޔެ ބަންގަލްދޭޝްގެ ވެރިރަށް ދާކާގައި ފެށި ސާފް މުބާރާތުގައި ރާއްޖެއިން ބައިވެރިފައިނުވާ އިރު، މިއީ މި މުބާރާތުގައި ބައިވެރިނުވެ ރާއްޖެއިން ފުރުސަތު ދޫކޮށްލި ތިންވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވީ އިންޑިއާ، ނޭޕާލް އަދި ބަންގަލަދޭޝްގެ އިތުރުން ބޫޓާންއެވެ.

އެފްއޭއެމުން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް އިސްކަން ދިނުމުގެ ގޮތުން "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި ޕްރޮގުރާމެއް ދަނީ ހިންގަމުންނެވެ. އެއީ ފުޓުބޯޅައިގެ އެންމެ ހަގު އުމުރުފުރާއިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ކުޅުންތެރިން އުފައްދާ، ހުނަރު އިތުރު ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓާއެކު ވެސް މިދިޔަ ތިން ފަހަރު ސާފް މުބާރާތުން އަންހެން ޓީމަށް ފުރުސަތު ދީފައި ނުވެއެވެ.

ނަމަވެސް ގައުމީ އަންހެން ސީނިއާ ޓީމުން މިދިޔަ އަހަރު ވަނީ ސާފް މުބާރާތާއި، އޭއެފްސީގެ މުބާރާތެއްގައި ވާދަކޮށްފައެވެ. އެ ހުރިހާ މެޗަކުން ވެސް ރާއްޖެ ބޮޑެތި ނަތީޖާތަކުން ބަލިވި އިރު، އެ މުބާރާތްތަކަށްފަހު އެފްއޭއެމުން އެ ޓީމުތައް ރަނގަޅަށް ތަމްރީން ނުކޮށް މެޗުތަކަށް ފޮނުވާ މައްސަލަ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. މަހްލޫފް އޭރު ވިދާޅުވީ ޓީމުތައް ތަމްރީން ނުކޮށް ފޮނުވާ މުބާރާތްތަކުގެ ޓިކެޓް އެ މިނިސްޓްރީއިން މީގެ ފަހުން ނުދޭނެ ކަމަށެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް 20 އަހަރުން ދަށުގެ ޓީމު ނުފޮނުވުމުން ނޫސްވެރިން އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަށް އެފްއޭއެމުން ޖަވާބުދީފައެއް ނުވެއެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ބައިވެރިނުވާއިރު، މިދިޔަ އަހަރު އޮތް ސާފް 18 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގައި އަދި އޭގެ ކުރީ އަހަރު އޮތް 19 އަހަރުން ދަށުގެ އަންހެން މުބާރާތުގައިވެސް ރާއްޖޭން ބައިވެރިއެއް ނުވެއެވެ.

އަންހެން ގައުމީ ޓީމުން އެންމެ އަވަހަށް ކުރިމަތިލާން އޮތް ބޮޑު އެއް މުބާރާތަކީ އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާ ކޮލިފައިންއެވެ. ކޮލިފައިންގައި ރާއްޖެވަނީ ވަރުގަދަ ގްރޫޕެއްގައި ލައްވާލާފައެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝްއެވެ. ކޮލިފައިން މެޗުތައް ކުޅޭނީ އަންނަ އޭޕްރީލް މަހުއެވެ.