ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމް އަދީލް ޖަލީލްއަށް އޭއެފްސީގެ އެކްސްކޯއިން ފުރުސަތު ލިބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ކުރެވިފައި ހުރި މަސައްކަތްތަކަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ މީޑިއާ މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ބައްސާމް މިއަދު ވަނީ އޭނާ އަލަށް ހޮވުނު އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާގެ އެކްޒެކެޓިވް ކޮމިޓީއަށް ހޮވުނު ގޮތާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް ލިބޭނެ ބޮޑެތި ފައިދާތަކަށް އަލި އަޅުލައްވައިފައެވެ. އަދި އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީ އަށް އިންތިހާބުވުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބައްސާމް ވިދާޅުވީ، މި މަގާމުގައި ހުރެ ކުރެވޭ މަސައްކަތުން، އޭއެފްސީއާ އެކު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ދިވެހި ފުޓުބޯޅަ ނާޒުކު ފައްތަރެއްގައި އޮތް އިރު، ބައްސާމް ނޫސްވެރިންނާ ބައްދަލު ނުކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި ހާއްސަކޮށް ރާއްޖެތެރޭގެ ފުޓުބޯޅައަށް އެފްއޭއެމުން ނުހަނު އިހުމާލުވެފައިވާކަން ގިނަބަޔަކު ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި އޭނާ ވިދާޅުވީ އޭއެފްސީގެ މަގާމަށް އައުމަށް ފުރުސަތު ލިބުނީ ރާއްޖޭގެ ފުޓުބޯޅައަށް ކުރެވިފައިވާ މަސައްކަތްތަކަށް ވެސް ބެލުމަށްފަހު ކަމަށެވެ.

"މި ފުރުސަތު ލިބިގެން މިދިޔައީ ރާއްޖޭގެ ފުޓްބޯޅަ އަށް ކުރެވިފައި ހުރި މަސައްކަތްތަކަށް ބެލުމަށް ފަހު، ރާއްޖެ އާއި އެހެން ގައުމުތަކާއި އެހެން އެފްއޭ ތަކާއި އޮންނަ ގާތްގުޅުމުގެ ސަބަބުން، ރާއްޖޭގެ ކްލަބްތަކާއި ކުޅުންތެރިން ދައްކަމުންދާ ނަމޫނާ ފާހަގަކުރަން ޖެހޭ، މިއާ އެކީގައި، ހާއްސަކޮށް ރާއްޖޭގެ ސަރުކާރާއި ރާއްޖޭގެ މިނިސްޓަރު ގެންގުޅުއްވާ ގާތްގުޅުން، މިއީ ވެސް ވަރަށް ޕްލަސް ޕޮއިންޓަކަށް ވެގެން މިދިޔައީ،" ބައްސާމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އޭއެފްސީގެ އެކި މަގާމުތައް ފުރުއްވާފައިވާ ބައްސާމް ވަނީ އަލަށް މި ލިބުނު މަގާމާ ގުޅިގެން ދިވެހި އެކި އުމުރުފުރާތަކުގެ ޓީމުތަކަށް ފުރުސަތު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ރާއްޖޭގެ ކުލަބުތައް ކުޅެމުން އަންނަ ހަމައެކަނި ބައިނަލް މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފައިންގް ފިޔަވައި އިތުރު ފުރުސަތުތަކެއް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ކްލަބްތަކަށް ރާއްޖޭގެ ގައުމީ ޓީމަށް، ރާއްޖޭގެ އުމުރުފުރާ ތަކުގެ ގައުމީ ޓީމަށް ވަރަށް ގިނަ ފުރުސަތުތައް ހޯދުމަށްޓަކައި މި އޮތީ ދޮރެއް ހުޅުވިފައި. އެހެންވީމަ، އަޅުގަނޑު ދަންނަވާނީ މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރަނިވި ކަންތައްތަކެއް ކުރެވޭނެ މަގާމެއް އަދި ކާމިޔާބެކޭ މި ލިބިގެން މިދިޔައީ."

ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމްގެ ކުރިން ވެސް އޭއެފްސީގެ މި މަގާމަށް ރާއްޖެއިން ވަނީ ދެ ބޭފުޅަކު ހޮވިވަޑައިގެންފައެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގައި އިސް މަސައްކަތްތަކެއް ކުރެއްވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު އެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އޭއެފްސީގެ ރައީސް ބަހްރޭންގެ ޝެއިހް ސަލްމާންގެ ހާއްސަ އިސްނެންގެވުމުގެ ތެރެއިން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ އަށް ވެސް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ޝައުގެއް އޮންނާނީ ރާއްޖޭގެ ކްލަބްތަކަށާއި ރާއްޖޭގެ ކުޅުންތެރިންނަށް، ރާއްޖޭގެ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް މި މަގާމު ހުރެ ހޯދޭނެ ފުރުސަތުތަކަށް މަސައްކަތް ކޮށްދިނުން،" ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ފުރުއްވަމުން އަންނަ ބައްސާމް ވިދާޅުވި އެވެ.